19 Aug 2025, 11:52
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ކޮންޓްރޯލް ބިލާއެކު، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތުނުވަނީސް އެއްވެސް އަދުލުވެރިކަމެއްނެތި، މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވޭނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން މިއަދު ބުނެފިއެވެ.
އެ ބިލު ހުށަހެޅުއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވައި، ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
އެ ބިލުގައި ވާގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުން މީޑިއާއެއްގެ މައްޗަށް ބަލާ މައްސަލައަކާ ގުޅިގެން އެ މައްސަލައެއް ބަލާ ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް އޮތީ ކޮމިޝަނަށް ލިބޭ ގޮތަށެވެ. އަދި ފަހުން، އެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދިޔުމަށްފަހު، އެ ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ހަމައެއާއެކު ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތެރެއިން އެ ނޫހެއްގެ ވެބްސައިޓް ބްލޮކްކޮށް، ނުވަތަ ޓީވީއެއްނަމަ ބްރޯޑްކާސްޓިން ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދެއެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، މުޅި ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އަދި މީޑިއާތައް ރެގިއުލޭޓްކުރުމަށް މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމު އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ބިލުގައި ހިމަނާފައި އޮތް ކަމަށް ބުނެ އެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިފަހަރު 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު' އުފެއްދުމުގެ ގޮތުން ހުށަހެޅި އެ ބިލުގައިވާގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދަންޖެހެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު -- ފޮޓޯ/ ރައީސް އޮފީސް
އެ ކޮމިޝަން އުފައްދަނީ ރައީސުލްޖުމްޙޫރިއްޔާއަށް ބާރުތަކެއް ލިބޭ ގޮތަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ހިމެނޭނެއެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އޭގެ ތެރެއިން ކޮމިޝަންގެ ރައީސް އައްޔަނުކުރައްވާނީ ވެސް މަޖިލީހަށް ހުށަހަޅުއްވައިގެން ރައީސުލްޖުމްޙޫރިއްޔާއެވެ.
ނަމަވެސް ކުރިން ކޮމިޝަންގެ ރައީސާއި ނައިބުރައީސް ވެސް އައްޔަނުކުރާނީ ކޮމިޝަންގެ ތެރެއިން ނަގާ ވޯޓަކުންނެވެ.
މީޑިއާ ކައުންސިލުން ބުނި ގޮތުގައި އެ ކޮމިޝަން އެކުލެވިގެންވާ ގޮތުން އަދި މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން މީޑިއާތައް މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅެއެވެ. އަދި ވަރަށް ބޮޑަށް ހުރިހާ ބާރެއް ރައީސުލްޖުމްޙޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ނޫސްވެރިން ޝާއިރުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ އެއްވެސް މައުލޫމާތެއްގެ މަސްދަރު އެއްވެސް މީހަކަށް ހާމަކުރުމަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މި ބިލު އެކުލަވާލާފައިވަނީ އެ ހައްގުވެސް ނިގުޅައިގަނެވޭ ގޮތަށް،މޯލްޑިވްސް މިޑިއާ ކައުންސިލް
އެ ކައުންސިލުން ބުނީ އެ ބިލުގައި ހުރި ބައެއް މާއްދާތަކުގެ މާނަ ސާފުނުވާއިރު، ނާޖާއިޒު މަންފާ ނެގޭނޭ ފަދަ ގިނަ އިބާރާތްތަކެއް އެ ބިލުގައި ހިމަނާފައިވާ ކަމަށެވެ. އަދި މިޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތުނުވަނީސް، އެ މީޑިއާއެއް ހުއްޓުވާލުމުގެ ބާރު ކޮމިޝަނަށް ދީފައިވާ ކަމަށް ބުނެ ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

މަޖިލިސް ގެލެރީގައި ނޫސްވެރިން އިހުތިޖާޖުގައި: ބައެއް ނޫސްވެރިން ޕޯސްޓަރުތަކެއް ހިފަހައްޓައިގެން ތިބިއިރު، އަނެއްބައި ނޫސްވެރިން ތިބީ އަނގަ މަތީގައި އަތް އަޅައިގެން --
ވަކިން ޚާއްސަކޮށް ގާނޫނުއަސާސީގެ ރޫހާ ޚިލާފަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެ ކައުންސިލުން ދެކޭ ކަމަށް ވަނީ ބުނެފައެވެ.
އަދި އެއީ ބުރަ މަސައްކަތުން ހޯދާފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ގޮސް، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިހާރު އޮތް ދަރަޖަ ވަރަށް ބޮޑަށް ވެސް ވެއްޓިގެން ދާނެ ކަމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެހެންނަމަވެސް ޒިންމާދާރު މިނިވަން ނޫސްވެރިކަމުގެ ވެއްޓެއް ރާއްޖޭގައި އޮތުމަށާއި، މި ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާ ކައުންސިލުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި އަދި އެކަމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ޖުމްލަ 70 ސަފްހާގެ މި ބިލާ ގުޅޭ ގޮތުން އަދިވެސް ގިނަގުނަ ކަންބޮޑުވުންތަކެއް މި ކައުންސިލްގައި އެބަހުރި. އަދި ކައުންސިލުން މިދަނީ އިތުރަށް އެކަންކަން ދިރާސާކުރަމުން،މޯލްޑިވްސް މިޑިއާ ކައުންސިލް
މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ބިލަށް އިދިކޮޅު ފަރާތްތަކާއި، ނޫސްވެރިންގެ އިތުރުން ޖަމިއްޔާތަކުން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ.
މީޑިއާ ކޮންޓްރޯލް ބިލާ އެކު މިނިވަން ނޫސްވެރިކަން އެކީ މަރާލާނެ ކަމަށާއި އެ ބިލު އަނބުރާ ގެންދިޔުމަށް ވެސް ވަނީ ގޮވާލައިފައެވެ.
އެ ބިލާ ދެކޮޅަށް މިއަދު ނޫސްވެރިން ވަނީ އަނގަމަތީ އަތްއަޅައިގެން މަޖިލީހުގެ ގެލެރީގައި އިހުތިޖާޖުވެސް ކޮށްފައެވެ.