ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގި ތަހުގީގާ އެކު، މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކުރުމަށް ފަހު، އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބަލަހައްޓާ ހުޅުމާލެއިން، ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ގޯތިތަކެއް ދިން ކަމުގެ ތުހުމަތުތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިވިއެވެ.

އެ މައްސަލަ ފެންމަތިވުމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21ގައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެއީ، އޭނާގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ޝަރުތު ހަމަނުވި ނަމަވެސް އޭނާއަށް ގޯއްޗެއް ދީފައިވާ ކަމަށް، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ލިޔެކިޔުންތަކުން ދައްކައެވެ.

އެ މައްސަލައިގައި ފަޒީލް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑުކުރުމަށް ފަހު، ހަ މަސް ފާއިތުވި ފަހުން މިދިޔަ ޖުލައި މަހު ވަނީ އެވެ.

ނުހައްގުން ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ފެށިއިރު، އެ މައްސަލައިގައި އެޗްޑީސީގެ 15 މުވައްޒަފަކު މަގާމުން ވަކިކުރިއެވެ.

އޭގެ ތެރެއިން، ޔާމީން މަގާމުން ވަކިކުރީ، މި އަހަރުގެ ކުރީކޮޅެވެ. އޭނާއާއެކު އެ ކުންފުނީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދުވެސް މަގާމުން ވަކިކުރިއެވެ. އެ ދެ މީހުން މަގާމުން ވަކިކުރުމުގެ ކުރިން ސަސްޕެންޑްވެސް ކުރިއެވެ. ނަމަވެސް ގޯތީގެ މައްސަލައާ އެ ދެ މީހުންނާ ގުޅުން އޮތް ކަމެއް ސާފެއް ނުވެ އެވެ.

އެ ދެ މީހުން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ ޓްރައިބިއުނަލުން އަންގައިފައިވަނީ ޔާމީން މަގާމުން ވަކިކުރި މައްސަލައިގައި، އޭނާއަށް ގެއްލުމުގެ ބަދަލުގައި 144،000 ރުފިޔާ ދިނުމަށެވެ. އެއީ ޔާމީންގެ މުސާރަ ކަމަށްވާ 24،000 ރުފިޔާގެ މަގުން ހަ މަސް ދުވަހުގެ މުސާރައެވެ.

އޭގެ އިތުރުން ނިމިދިޔަ ރޯދަ މަހުގެ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާއާއި، މިދިޔަ އަހަރުގެ ބޯނަސް ވެސް އޭގެ ތެރޭގައި ހިމަނައިފައިވެއެވެ. އަދި މި މައްސަލައިގައި ޓްރައިބިއުނަލްގައި ޔާމީންގެ ފަރާތުން ލީގަލް ޓީމެއް ނަގާފައިވާތީ، ލީގަލް ފީގެ ގޮތުގައި 20،000 ރުފިޔާ ނަގައިދިނުމަށްވެސް ޓްރައިބިއުނަލުން އެންގިއެވެ.

ޓްރައިބިއުނަލުން އަންގާފައިވަނީ ޔާމީނަށް ދޭން ޖެހޭ ބަދަލާއި ބޯނަސް އަދި ރޯދަ އިނާޔަތާއި ލީގަލް ފީ ދެ މަސް ދުވަހުގެ ތެރޭގައި ދިނުމުގެ އިތުރުން ވަޒީފާ އަލުން އިއާދަކޮށްދިނުމަށެވެ.

ފާއިދު ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ ނިމުނު ކަމެއް މިހާތަނަށް ސާފެއް ނުވެއެވެ. އެހެންނަމަވެސް އެޗްޑީސީން އެ މައްސަލައިގައި ޖަވާބުދާރީވާން ޓްރައިބިއުނަލުންވަނީ އަންގާފައެވެ.

ބިންވެރިޔާ ސްކީމާ ގުޅިގެން ދޫކުރި ގޯތިތަކުގެ މައްސަލައިގައި ތުހުމަތުކުރެވިގެން ފަޒުލް ހިމެނޭހެން 24 މީހެއްގެ ޕާސްޕޯޓު ފުލުހުން ހިފެހެއްޓިއެވެ. ނަމަވެސް މިއަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހު ފުލުހުން ބުނި ގޮތުގައި އެ އެންމެންގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ވެރިކަން ކުރާ, ޕީއެންސީއިން ވަރަށް ފަހުން ބޭއްވި ސިޔާސީ ހަރަކާތެއްގެ އިސް ސަފުން ފަޒުލް ވަނީ ފެނިފައެވެ. އެއާއެކު ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވިއެވެ.