ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޭބަންދުން ދޫކޮށްލުމަށް ފަހު ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މެންބަރު އަބްދުﷲ ޝާއިރު މިއަދު ވިދާޅުވީ ބޮންޑާ ގޭބަންދުގައި ބެހެއްޓުމަށް މި މަހުގެ ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި އަމުރުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިޔުމުން އޭނާ ގޭބަންދުން ދޫކޮށްލީ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވާ އޯކޭ ޒާހިރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިޔުމުން ފަސް ދުވަސް ވަންދެން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ބޮންޑާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ފުލުހުންނާ މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅާފައިވާ ކަމުގެ ތުހުމަތެވެ.

ސަން އަށް އެގިފައިވާ ގޮތުގައި އޯކޭ ޒާހިރު ހައްޔަރުކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދުގެ ދަރިފުޅާ އޯކޭ ޒާހިރު ދިމާކުރާ މައްސަލަ ޝަހީމް ފުލުހުންނަށް ހުށަހަޅާފައިވާތީ އެ މައްސަލަ ތަހުގީގު ކުރުމަށެވެ.