19 Aug 2025, 08:54
އެމޭޒަން ޕްރައިމް ވީޑިއޯއިން ގެނެސްދިން މަގުބޫލު އެކްޝަން ކްރައިމް ތުރިލާ ސީރީސް "މިރުޒާޕޫރު" ވާހަކައަށް ބިނާކޮށް ފިލްމެއް އުފައްދަން ނިންމައި ފިލްމަށް ގެންނަ ބައެއް ލީޑް ތަރިންގެ ނަންތައް އިއުލާނުކޮށްފިއެވެ.
"މިރުޒާޕޫރު: ދަ ފިލްމު"ގެ ނަމުގައި އުފައްދާ މި ފިލްމު ބޮޑު ސްކްރީނަށް ގެނައުމުގެ ތައްޔާރީތަކާ އެކު ފިލްމުގެ ކާސްޓަށް ދާދިފަހުން ގެނައި ތަރިންނަކީ ހުނަރުވެރި އެކްޓަރު ރަވީ ކިޝަން، ޓެލެވިޒަން ސީރީސްތަކުން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު މޯހިރު މަލިކު އަދި ޖިތެންދުރަ ކުމާރެވެ.
މި ތިން ތަރިން ވެސް ފިލްމުގައި ކުޅޭނެ ރޯލްތަކާ ފެންނާނެ ކެރެކްޓާތަކާ ބެހޭ މައުލޫމާތުތައް އަދި ވަނީ ސިއްރުކުރެވިފައެވެ.
މިހާތަނަށް ތިން ސީޒަނެއް ގެނެސްދީފައިވާ އެމޭޒަންގެ ކާމިޔާބު ވެބް ސީރީސް "މިރުޒާޕޫރު" އަކީ ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ސީރީސްއެކެވެ.

"މިރުޒާޕޫރު: ދަ ފިލްމު"ން ފެންނާނެ މުހިއްމު ތަރިން--ފޮޓޯ/ބޮލީވުޑްހަންގާމާ
ގުރުމީތު ސިންގް، ކަރަން އަންޝުމަން، މިހިރު ދެސާއީ އަދި އާނަންދު އިއަ ޑައިރެކްޓްރުންގެ ގޮތުގައި ހިއްސާވި މި ސީރީސްއިން ދެއްކި ޖާދޫ ފިލްމުން ބެލުންތެރިންނަށް ދައްކުވައިދެވޭނެތޯ ގިނަ ބަޔަކު ވަނީ އަހާފައެވެ.
އެމޭޒަންގެ ސީރީސްގެ ލީޑް ތަރިންގެ ގޮތުގައި ފެނިފައި ވަނީ އަލީ ފަޒަލް، ޕަންކަޖު ތުރިޕާޓީ، ދިވްޔެންދޫ އަދި ޝްވެތާ ތުރިޕާތީއެވެ.
ގިނަ ބަޔަކު އިންތިޒާރުކުރާ "މިރުޒާޕޫރު: ދަ ފިލްމު" އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު ތިއޭޓަރުތަކުން ފިލްމު ނެގުމަށްފަހު ސްޓްރީމިންގް ޕްލެޓްފޯމަށް ފިލްމު ދޫކޮށްލުމުގެ ޚިޔާލު ވެސް ގެންގުޅޭ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.