އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި މަރުގެ ހުކުމް އިއްވާފައިވާ މީހަކު، އޭނާ އަކީ މަރުގެ ހުކުމް ތަންފީޒުވުމަށް އެކަށީގެންވާ ވަރަށް ބުއްދި ސަލާމަތުން ހުރި މީހެެއް ނޫން ކަމަށް ބުނެ، އެގައުމުގެ ސުޕްރީމްކޯޓަށް ހުށައެޅި މައްސަލައެއް އެކޯޓުން އޭނާއާ ދެކޮޅަށް ނިންމައި އޭނާ މަރަން ހުކުމްކޮށްފި އެވެ.

މިއަދު މެންދުރު ފަހުން މަރުގެ ހުކުމް ތަންފީޒުކުރުމަށް ހަމަޖެހިފައިވާ އުމުރުން 54 އަހަރުގެ މާވިން ވިލްސަން އެގައުމުގެ ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ސުޕްރީމް ކޯޓުން ވެސް އޭނާ މަރަން ފެންނަ ކަމަށް ނިމުނީ އޭނާ މެރުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވާން ދެގަޑިއިރަށް ވެފައިވަނިކޮށެވެ.

މަރުގެ ހުކުމް ތަންފީޒުވުމަށް ވިލްސަން ޝަރުތުހަމަނުވާ ކަމަށް ބުނެ އޭނާގެ ވަކީލު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައި ވަނީ މަރުގެ ހުކުމް ތަންފީޒުކުރަން އާއްމު ގޮތެއްގައި ޝަރުތުހަމަވަނީ އައިކިއު ޓެސްޓުން 70 މާކްސް ލިބޭ މީހުންނަށް ކަމަށް ވާއިރު އޭނާއަށް ލިބުނީ 61 ކަމަށެވެ. އަދި އެހެން ވީމާ އޭނާ އަކީ މަރުގެ ހުކުމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށެވެ.

ނަމަވެސް ވިލްސަން އަކީ މަރުގެ އަދަބަށް ޝަރުތު ހަމަވާ މީހެއް ކަމަށް ނިންުމުމުން އޭނާއަށް މިހާރު ވަނީ މަރުގެ އަދަބުދީފައެވެ.

ވިލްސަންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ 1992 ވަނަ އަހަރު ، ފުލުހުންގެ މީހެއް ކަމަށްވާ އުމުރުން 21 އަހަރުގެ ޖެރީ ވިލިއަމްސްގެ ގައިގާ ތަޅައި މަރާލިކަމުގެ ކުށް ސާބިތުވުމުންނެވެ. އެންޑްރޫ ލެވިސް ނަމަކަށް ކިޔާ މީހަކާއި ވިލްސަން ބައިވެރިވެގެން ވިލިއަމް މަރާލީ ވިލްސަންގެ އެޕާޓްމެންޓުން 24 ގްރާމްގެ ކޮކެއިން ހޯދައި، އޭނާ ހައްޔަރުކުރިތާ ދުވަސްތަކެއްގެ ފަހުންނެވެ.

މަރުގެ ހުކުމް އެންމެ ގިނައިން ތަންފީޒުކުރާ ގައުމުގެ ގޮތުގައި ފާހަގަކުރެވިފައިވާ އެމެރިކާގައި މިއަހަރުގެ މިހާތަނަށް ހަތް މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ އިރު މަރުގެ ހުކުމް އިއްވާފައިވާ އެތައް ބަޔަކު އެގައުމުގެ ޖަލުތަކުގައި އެބަ ތިއްބެވެ. އެމެރިކާގައި މަރުގެ އަދަދު ތަންފީޒުކުރަނީ ވިހަ އިންޖެކްޝަން ޖަހަިއގެންނެވެ.