28 Aug 2010, 09:05
14:06
ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރަމުންގެންދާ ބިލްތަކާ އެއްގޮތަށް ސަރުކާރު ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ތަސްދީގު ނުކުރައްވައި، މަޖިލީހުން އަލުން ވިސްނެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އެބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިލެއްވުމުން ވެސް ބިލު އޮތްގޮތަށް، ބުރާސްފަތި ދުވަހު، މަޖިލީހުން ފާސްކޮށް ތައްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމު ކުރެއްވުމާ ގުޅިގެން، މޫސަ ވިދާޅުވީ މަޖިލީހުން މިހާރު ބިލުތައް ފާސްކުރަމުން ގެންދަނީ ސަރުކާރު ހިންގުމަށް ދަތިކުރުމަށް ކަމަށާއި އަދި ޤައުމުގެ ކަންތައްތައް ރަނގަޅުކުރުމަށް ވިސްނައިގެން ނޫން ކަމަށެވެ. އަދި އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތައް ކިތަންމެ ރީތި ނަމަވެސް އަމަލުތަކުން ފެންނަމުންދަނީ ސަރުކާރު ހިންގަން ދަތިކުރުމަށް ކުރެވުނުހާ ކަމެއްކޮށް ސަރުކާރު ހުއްޓުވަން މަސައްކަތްކުރާތަން ކަމުގައި މޫސަ ވިދާޅުވި އެވެ. އަދި މިބިލަކީ ސަރުކާރަށް ޖެއްސުންކުރުމަށް ފާސްކޮށްފައިވާ ބިލެއް ކަމަށާއި މި ބިލަކީ ސަރުކާރު ހުއްޓުމަކަށް ގެނެސް ސަރުކާރު ވައްޓާލުމަށް އިދިކޮޅު އިއްތިހާދުން ފާސްކޮށްފައިވާ ބިލެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.