18 Aug 2025, 15:44
ވާދަވެރިކަން ނައްތާލާ އެއްބަސްވުންތަކެއް އޮސްޓްރޭލިއާގެ ޓެލްކޮމް ކުންފުނިތަކާއެކު ހެދުމުން، ގޫގުލްގެ މައްޗަށް ކޮށްފައިވާ 55 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (35.8 މިލިއަން އެމެރިކާ ޑޮލަރު) ގެ ޖޫރިމަނާ ފައިސާ ދައްކަން އެއްބަސްވެއްޖެއެވެ.
މި ޖޫރިމަނާއަކީ އެންޑްރޮއިޑް ފޯނުތަކުގައި، ވާދަވެރި ސާޗް އިންޖީނުތަކަށް ފުރުސަތު ނުދީ، ގޫގުލްގެ ސާޗް އެޕްލިކޭޝަން ކުރިން އިންސްޓޯލްކުރުމަށް އޮސްޓްރޭލިއާގެ އެންމެ ބޮޑު ދެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް ގޫގުލްއިން ފައިސާ ދިނުމުން، އެއީ ވާދަވެރިކަމަށް ހުރަސްއެޅުނު ކަމެއް ކަމަށް ކަނޑައަޅައި، އޮސްޓްރޭލިއަން ކޮމްޕެޓިޝަން އެންޑް ކޮންސިއުމާ ކޮމިޝަން (އޭސީސީސީ) އިން ކޮށްފައިވާ ޖޫރިމަނާއެކެވެ.
އޭސީސީސީ އިން ހާމަކުރި ގޮތުގައި، 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2021 ވަނަ އަހަރުގެ ކުރީކޮޅާ ދެމެދު ގޫގުލްއިން ވަނީ ޓެލްސްޓްރާ އާއި އޮޕްޓަސްއާއެކު ޚާއްސަ އެއްބަސްވުންތަކެއް ހަދާފައެވެ.
މި އެއްބަސްވުމުގެ ދަށުން، އެންޑްރޮއިޑް ޑިވައިސްތަކުގައި ގޫގުލް ސާޗް ބޭނުންކޮށްގެން ލިބޭ އިޝްތިހާރުގެ އާމްދަނީގެ ބައެއް މި ދެ ޓެލްކޮމް ކުންފުންޏާ ގޫގުލްއިން ވަނީ ހިއްސާކޮށްފައެވެ.
ގޫގުލްއިން ވަނީ މި އެއްބަސްވުމުގެ ސަބަބުން ވާދަވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރިކަން ޤަބޫލުކޮށް، މިފަދަ އެއްބަސްވުންތައް ހެދުން މިހާރު ހުއްޓާލާފައެވެ. ދިގުދެމިގެންދާ ޝަރީއަތަކަށް ނުގޮސް މައްސަލަ ހައްލުކުރުމުގެ ގޮތުން، ގޫގުލް އާއި އޭސީސީސީން ގުޅިގެން ވަނީ 55 މިލިއަން އޮސްޓްރޭލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރުމަށް ފެޑެރަލް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް، މި ޖޫރިމަނާއަކީ އެކަށީގެންވާ އަދަދެއްތޯ ކޯޓުން އަދި ގޮތެއް ނިންމާނެއެވެ.
އޭސީސީސީގެ ޗެއާ ޖީނާ-ކެސް ގޮޓްލީބް ވިދާޅުވި ގޮތުގައި، މި ނިންމުމުގެ ސަބަބުން އޮސްޓްރޭލިއާގެ މިލިއަނެއްހާ ރައްޔިތުންނަށް ކުރިމަގުގައި ސާޗް އިންޖީނެއް އިޚްތިޔާރުކުރުމުގެ ފުޅާ ފުރުސަތެއް ލިބި، ވާދަވެރި އެހެން ކުންފުނިތަކަށް ވެސް އޮސްޓްރޭލިއާގެ ބާޒާރަށް ނުކުތުމުގެ ދޮރު ހުޅުވިގެންދާނެއެވެ.
ގޫގުލްގެ ތަރުޖަމާނަކު ބުނީ، މި މައްސަލަ ހައްލުވުމުން އުފާކުރާ ކަމަށާއި، މައްސަލަ ދިމާވި އެއްބަސްވުންތަކަކީ މިހާރު އެ ކުންފުނީގެ އެގްރީމެންޓްތަކުގައި ނުހިމެނޭ ބައިތަކެއް ކަމަށެވެ.