ތެލަސީމީޔާ ކޮންޓްރޯލް ކުުރުމާބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނު ބުނާ މުއްދަތަށް ނުނިމުމުން ކުދިންނަށް ހިދުމަތްދޭނެ ވަގުތީ އުސޫލުތަކެއް ސަރުކާރުން ކަނޑައަޅައިފި އެވެ.

ތެލަސީމިޔާއާބެހޭ ގާނޫނު ތަސްދީގު ކުރާތާ ތިން މަސް ދުވަސްތެރޭގައި ގަވައިދުތައް އެކުލަވާލައި ގެޒެޓް ކުރަންޖެހެ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ގަވައިދުތައްވަނީ ނުހަދަ އެވެ. ތެލަސީމިޔާއާބެހޭ ގާނޫނު ތަސްދީގު ކުރިތާ ތިން މަސްވާނީ އަންނަ ހުކުރު ދުވަަހަށެވެ. ރައީސުލް ޖުމްހޫރިއްޔާ ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ މޭ މަހުގެ 10 ވަނަ ދުވަހެވެ.

ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު މިއަދު ވިދާޅުވީ ގަވާއިދުތައް ނުހެދުނު ނަމަވެސް ކުދިންނަށް ހިދުމަތް ދޭނެ ކަމަށާއި ގާނޫނުގެ ދަށުން ތެލަސީމިޔާ ކުދިންނަށް ލިބެންޖެހޭ ހިދުމަތްތައް ދިނުމަށް މިހާރު އަމަލު ކުރަމުންދާ ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ގެނައި ބަދަލުތަކުގެ ތެރޭގައި އާސަންދައަށް ކަނޑައަޅާފައިވާ ފައިސާ ހުސްވުމުން ވެސް ތެލަސީމިއާ ކުދިނަށް ހިލޭ ފަރުވާ ހޯދޭނެ ގޮތައް ހަމަޖެއްސުން ހިމެނެ އެވެ.

"މާލޭގައި ތިބި ތެލަސީމިޔާ ކުދިންނަށް ފަރުވާ ލިބޭ އުސޫލުން އަތޮޅުތަކުގެ ކުދިންނަށް ބަލި މީހާގެ ފަރާތުން ނުވަތަ ބަލި މީހާގެ އާއިލާގެ ފާރާތުން އިތުރު ހަރަދަކާނުލާ ލޭ އެޅުމާއި ތެލަސީމިޔާ ގުޅޭ ގޮތުން އިތުރަށް ދޭން ޖެހޭ ފަރުވާ ފޯރުކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ތެލަސީމިޔާ ގާނޫނުގެ ދަށުން ހަދަންޖެހޭ ގާވައިދުތަކަށް އަދިވެސް ދުވަސްކޮޅެއް ނަގާނެތީ ލޭ އަޅާށާއި ފަރުވާ ހޯދަަން ތެލަސީމިޔާ ކުދިން ކުރާ ދަތުރުތަކަށް ހަރަދުތައް ދޭނެ ވަގުތީ އުސޫލުތަކެއް ވެސް މާދަމާ އާންމުން ކުރަން ވަނީ ހަމަޖައްސައިފަ އެވެ.

"ލޭ އެޅުމަށް ނުވަތަ ތެލަސީމިއާ ގުޅިގެން އިތުރު ފަރުވާ އެއް ހޯދުމަށް އަމިއްލަ ރަށް ނޫން އެހެން ރަށަކަށްދާ ކަމުގައިވާނަމަ ދަތުރުފަތުރުގެ ހަރަދު ދިނުމާއި ކަންތައްތަކެއް އެބަހުރި. އޭގެވެސް އުސޫލުތަކެއް ލަސްވެގެން މާދާމާ އަތޮޅު ތެރެއަށް ފޮނުވާނަން. އެ އުސޫލުތަކަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއް ނޫން. އެ ގަވާއިދުތައް ގެޒެޓް ކުރުމަށް ވަގުތުކޮޅެއް ނަގާފާނެ ކަމަށް ފެންނާތީ އަޅުގަނޑުމެން އުސޫލެއް ކަނޑައަޅާފައި މި އަންގަނީ،"މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ގަވައިދުތައް އެކުލަވައިލުމަށްފަހު މިނިސްޓްރީން ބޭނުންވާ އިސްލާހުތައް ގެނެސް ވަރަށް އަވަހަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

ތެލަސީމިޔާ ބެހޭ ގާނޫނުގެ ދަށުން ތެލަސީމިއާ ކުދިނަށް ގާނޫނު ބުނާ ހިދުމަތްތައް ލިބޭނީ ތެލަސީމިޔާ ކުދިންގެ ގޮތުގައި ރަޖިސްޓްރީކުރުމުންނެވެ. މިހާރު ދަފުތަރުގައި ތިބި ކުދިން ވެސް އަލުން ރަޖިސްޓްރީ ވާންޖެހެ އެވެ.