ޓެލްއަވީވު (18 އޮގަސްޓް 2025): ހަމާސް އިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމަށް އެއްވެސް މަސައްކަތް ނުކޮށް ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާގެ ނިކަމެތި ރައްޔިތުން ބަނޑަށް ޖައްސައި އެމީހުންގެ ބޮލަށް ބޮންއަޅައި ހަމައެކަނި އެމީހުންގެ ފަހަތުން އިސްރާއީލުގެ މުޅި އަސްކަރިއްޔާ ދުވަމުންދާތީ އެކަމާ ދެކޮޅަށް އިސްރާއީލުގައި ފަށާފައިވާ މުޒާހަރާތަކާއި ހަޅުތާލުތަކުގައި ބައިވެރިވި ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މިލިޔަނަކަށްވުރެ ގިނަ މަސައްކަތްތެރިންގެ ހަޅުތާލުގެ ސަބަބުން އިއްޔެއާއި މިއަދު ވެސް އިސްރާއީލު ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.

ހަޅުތާލުކުރަނީ އަދި މުޒާހަރާ ވެސް ކުރަނީ އިސްރާއީލުގެ މަސައްކަތްތެރިންގެ ޖަމިއްޔާތަކާ އަދި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންގެ އާއިލާތަށް އިސްކޮށް ތިބެގެންނެވެ.

މުޒާހަރާތަކުގެ ސަބަބުން އިސްރާއީލުގެ ހައިވޭތަކާއި މަގުތައް ބަންދުވެފައިވާއިރު އިސްރާއީލުގެ ފުލުހުންވަނީ މުޒާހަރާކުރާ މީހުންގެ އެތަށް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައެވެ. އަދި އިސްރާއީލުގެ ދިފާއީ ވުޒާރާއާއި ނަތަންހާޔޫގެ ޕާޓީގެ އޮފީހުގެ ކުރިމަތީގައި ކުރި މުޒާހަރާތައް ރޫޅާލުމަށްޓަކައި ޔަހޫދީ ފުލުހުންވަނީ ކަރުނަގޭހާއި ލަޓިބުރި ވެސް ބޭނުންކޮށްފައެވެ.

މުޅި އިސްރާއީލުގައި މުޒާހަރާއާއި ހަޅުތާލު އާންމުވެފައި

އެތަށް ސަތޭކަ ބަޔަކު ހައްޔަރުކޮށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މުޒާހަރާ ވެރިންގެ ރުޅި އިންތިހާއަށް ގަދަވުމުން އެމީހުން ގެންދަނީ އިސްރާއީލުގެ މަގުތަކުގައި ޓަޔަރު ފަދަ ތަކެތި ރޯކޮށް ހުޅުޖަހަމުންނެވެ.

ޣައްޒާގައި އިސްރާއީލު ހިންގާ މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ދިގުލައިގެން ދިޔުމުގެ ސަބަބުން އިސްރާއީލުގެ އިގްތިސާދަށްވަނީ ބޮޑު ގެއްލުމަކާ ކުރިމަތިވެފައެވެ. މަސައްކަތްތެރިންގެ ހަޅުތާލުގެ ސަބަބުން އިސްރާއީލުގެ އިގްތިސާދަށް 80 މިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

އިސްރާއީލުގެ ބައެއް މުހައްލިލުން ބުނާގޮތުން ހަމާސް އިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތާއެކު ޑީލް ހެދެން އޮތްއިރު ވެސް އެކަންނުކޮށް ހަމާސް ނައްތާލުމުގެ ނަމުގައި އަދި ޣައްޒާ އެއްކޮށް ހިފުމުގެނަމުގައި އިސްރާއީލުން ފަށާފައިވާ ހަނގުރާމަ ކާމިޔާބު ވުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެކެވެ.

އަދި ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި ހައިހޫނުކަމުގައި މެރުމަށް އިސްރާއީލު ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އިސްރާއީލުވަނީ މުޅި ދުނިޔޭގައި ކުށްވެރިވެ އެކަހެރިވެ ބަކީވެފައެވެ. އަދި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހާފައި އުޅޭ ނުކިޔަމަންތެރި ރޯގް ސްޓޭޓެއްގެ ގޮތުގައި އިސްރާއީލުވަނީ ސިފަވެފައެވެ.

އެމެރިކާގެ ހިމާޔަތް އޮތްކަމަށް ވިޔަސް ދުނިޔޭގެ ބައެއް ގައުމުތަކުން އިސްރާއީލާ ދެކޮޅަށްވަނީ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް ވެސް އަޅާފައެވެ. އެމެރިކާގެ ހިމާޔަތްނެތްނަމަ ނޫނީ އެމެރިކާ ވީޓޯ ނުކުރާނަމަ އދ. މެދުވެރިކޮށް ވެސް އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތައް އަޅާ ހިސާބަށް މިހާރު ކަންތައްތައްވަނީ ގޮސްފައެވެ.

އަނެއްކޮޅުން ދުނިޔޭގެ އެތަށް ގައުމެއްގައި ކޮންމެ ދުވަހަކު އިސްރާއީލާ ދެކޮޅަށް ދަނީ އަޑުއުފުލައި މުޒާހަރާތައް ކުރަމުންނެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ އާންމުންނަށް އިސްރާއީލުގެ ހަގީގަތްއެނގި ހުޅަނގުގެ އާންމުންގެ ތާއީދު އިސްރާއީލަށް ދަނީ ވަރަށް ބޮޑަށް ގެއްލެމުންނެވެ.

މިއީ ދިގުމުއްދަތަކުން އެމެރިކާއާއި ޔޫރަޕްގެ ތާއީދާއި ހިމާޔަތް އިސްރާއީލަށް ގެއްލި ފަލަސްތީނުގެ ބިމުގައި އިސްތިއުމާރީ އެންޓިޓީއެއްގެ ގޮތުގައި ދެމިއޮތުމުގެ ފުރުސަތު އިސްރާއީލަށް ގެއްލިގެންދާނެކަމެއްކަމަށް މުހައްލިލުން ސިފަކުރައްވައެވެ.