18 Aug 2025, 12:29
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު މި އަހަރު, 200،000 އަށް އިތުރުކުރުމުގެ ލަނޑުދަނޑިއެއް ކަނޑައަޅައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އިންޑިއާގެ މާކެޓަށް ޚާއްސަކޮށް އައު ކެމްޕެއިނެއް މިއަދު އިފްތިތާޙުކޮށްފިއެވެ.
"ތިރަންގާއިން ޓާކޮއިސްއަށް" ނަމުގައި އަލަށް ފެށި މި ކެމްޕޭނުން ރަމްޒުކޮށްދެނީ އިންޑިއާ ދިދައިގެ ކުލަތަކުން ފެށިގެން ރާއްޖޭގެ ވިލު ނޫ މޫދާއި ހުދު ގޮނޑުދޮށްތަކާ ހަމައަށް އެ ގައުމުގެ ފަތުރުވެރިންނަށް ދޭ ދައުވަތެކެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގަމުތަކުގެ ތެރެއިން އެއް ގައުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2017 އަދި 2018 ވަނަ އަހަރާ އާ އަޅާބަލާއިރު، އިންޑިއާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 130 ޕަސެންޓް އިތުރުވެފައިވެއެވެ. ހަމަ އެހެންމެ 2023 ވަނަ އަހަރަކީ އިންޑިއާއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އަހަރެވެ. އެ އަހަރު ވަނީ އެ ގައުމުގެ 209،193 ފަތުރުވެރިން ރާއްޖެއަށް ޗުއްޓީއަށް އައިސްފައެވެ.
އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދާން ފެށީ, ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ހިސާބުން ދެ ގައުމުގެ ސިޔާސީ ގުޅުން ގޯސްވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ބަދަހި ކޮށްފައެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މި އަހަރުގެ އޮގަސްޓް މެދުތެރެއާ ހަމައަށް އައިއިރު ވެސް މިދިޔަ އަހަރަށްވުރެ އިތުރަށް އިންޑިއާއިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށެވެ. މި ދުވެލި ދަމަހައްޓައި، މިހާރަށްވުރެ ގިނަ ފަތުރުވެރިން އެ ގައުމުން ރާއްޖެއަށް ގެނައުމަކީ މި ކެމްޕޭނުގެ މައިގަނޑު މަގުސަދު ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މި ކެމްޕޭނުގެ ދަށުން ކުރާނެ ކަންކަން:
މައިކްރޯ އަދި މެކްރޯ އިންފްލުއެންސަރުންނާއެކު މަސައްކަތްކުން
- މީޑިއާ ފެމިލައިރައިޒޭޝަން ޓްރިޕްތައް ބޭއްވުން
- އިންޑިއާގެ ނަން ހިނގާ ނޫސްތަކުގައި ޚަބަރު ފީޗާތައް ޖެހުން
- އިޝްތިހާރުތައް ޝާއިޢުކުރުން
މީގެ އިތުރުން އިންޑިއާގެ ތިން ސިޓީއެއްގައި ރޯޑްޝޯތައް ބޭއްވުމަށް ވެސް ވަނީ ނިންމާފައި ކަމަށް, ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. ފާއިތުވި ދުވަސްތަކުގައި ވެސް ވިޒިޓް މޯލްޑިވްސްއިން ވަނީ އިންޑިއާ މާކެޓަށް ޚާއްސަކޮށްގެން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ފެބްރުއަރީ މަހު މުންބާއީގައި "މޯލްޑިވިއަން ނައިޓް" ގެ ނަމުގައި ބޭއްވި ހަރަކާތުގައި ބޮލީވުޑުގެ 100 އަށްވުރެ ގިނަ މަޝްހޫރު ފަންނާނުންނާއި އިންފްލުއެންސަރުން ބައިވެރިވެ، 200 މިލިއަނަށްވުރެ ގިނަ ސޯޝަލް މީޑިއާ ރީޗެއް ލިބުނު ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯނީ އާއިލާއާއެކު ރާއްޖެއަށް ކުރި ޒިޔާރަތް
މިއަދު އިންޑިއާއަށް ޚާއްސަކޮށް ފެށި ކެމްޕޭން އިފްތިތާޙުކޮށްދެއްވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވީ، އިންޑިއާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮތް އަވައްޓެރި ގައުމެއް ކަމަށާއި، މި ކެމްޕޭނުން އިންޑިއާ އަލުން ރާއްޖޭގެ އެންމެ މަތީ ހަތަރު މާކެޓުގެ ތެރޭގައި ހިމެނިގެން ދާނެ ކަމަށެވެ.
"އިންޑިއާގެ ފަތުރުވެރިން އެއީ ހަނީމޫނަށް ވިޔަސް، ޢާއިލާތަކަށް ވިޔަސް، ވިޔަފާރިވެރިންނަށް ވިޔަސް، އަދި މުސްތަޤުބަލުގައި ފިލްމީ ފަތުރުވެރިކަމަށް ވިޔަސް ޗުއްޓީ ހޭދަކުރުމަށް އެންމެ ފުރަތަމަ ޚިޔާރުކުރާ މަންޒިލަކަށް ރާއްޖެ ހެދުމަކީ އުންމީދެއް," ޝިއުރީ ވިދާޅުވިއެވެ.
އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުފަތުރުގެ ފުރުޞަތުތައް ކުރިއަށްއޮތް ތަނުގައި އިތުރަށް ފުޅާވާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ލަފާކުރެއެވެ.
މިދިޔަ މަހު ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއިއެކު އަހަރަކު ހަތް މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ޖާގަ ވަނީ އިތުރުވެފައެވެ. އަދި މި އަހަރުގެ ފަހުކޮޅު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުން އިންޑިއާއިން ސީދާ ދިވެހިރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ދަތުރުކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.
އިންޑިއާ މާކެޓަކީ އޮފް ސީޒަންގެ މާކެޓަކަށް ވާތީ އެއީ ރާއްޖެއަށް ވަރަށް މުހިންމު ދާއިރާއެކެވެ. ޔޫރަޕުގެ ޓޫރިސްޓުން މަދުން އަންނަ ދުވަސްވަރު އިންޑިއާގެ ޓޫރިސްޓުން ގިނައިން އައުމުގެ ސަބަބުން ލޯސީޒަންގައި ގެއްލުން ކުޑަކޮށް ރިސޯޓްތައް ހިންގުމުގެ ފުރުސަތު ތަނަވަސްވެއެވެ. ދެ ގައުމުގެ ގުޅުން ގޯސްވެގެން އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުން މަދުވި ދުވަސްކޮޅު މާލީ ގޮތުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.