މިމަހުގެ 22 ވަނަ ދުވަހު އިންޑިޔާގައި ފަށާ ނެހުރޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ސްކޮޑް މުޅިން އަލަށް ނެގި ތިން ކުޅުންތެރިއަކާއެކު އިއުލާނުކޮށްފި އެވެ.

ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީ މާލެ އައުމުގެ ކުރިން އެފްއޭއެމުން އެކުލަވާލި ސްކޮޑުގައި ތިބީ ތިން ގޯލް ކީޕަރުންނާއެކު 26 ކުޅުންތެރިންނެވެ.

މި ފަހަރު މުޅިން އަލަށް ގައުމީ ސްކޮޑަށް ނެގި ތިން ކުޅުންތެރިންނަކީ އޭވައިއެލްގެ މޫސާ ޔާމީން އާއި އިގަލްސްގެ އަހުމަދު އިމާޒު (އާއްކޮ) އާއި ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މާޒިޔާގެ ކީޕަރު މުހައްމަދު އިމްރާނެވެ. އާއްކޮ އާއި ޔާމީނަކީ ޒުވާން ގައުމީ ޓީމުގެ ދެ ކުޅުންތެރިންނެވެ.

ނިއު އިން މިފަހަރުގެ ސްކޮޑަށް ނަގާފައިވަނީ ފަސް ކުޅުންތެރިންނެވެ. މާޒިޔާއިން ވެސް މިއަދަދަށް ކުޅުންތެރިން ނަގާފައިވާއިރު އީގަލްސް އާއި ވީބީން ނަގާފައިވަނީ ހަތަރު ކުޅުންތެރިންނެވެ. އޭވައިއެލްގެ އެންމެ ކުޅުންތެރިއަކަށް ފުރުސަތުދިން އިރު ވެލެންސިއާ އާއި ވިޔަންސާގެ އެއްވެސް ކުޅުންތެރިއަކު ޓީމުގައި ނެތެވެ. އެންމެ ގިނައިން ކުޅުންތެރިން ނެގީ ވިކްޓަރީންނެވެ. އެއީ ހަތް ކުޅުންތެރިންނެވެ.

ގައުމީ ކޯޗު މިރޭ މާލެ އައުމުން ޓީމުގެ ފަރިތަކުރުންތައް ފަށާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އިންޑިޔާ އާއި ނޭޕާލް އަދި ސީރިއާ އާއި ކެމަރޫން ވާދަ ކުރާ މުބާރާތުގައި ރާއްޖެ ފުރަތަމަ ކުޅެން ޖެހޭނީ 23 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަަލަށް ދާނީ ލީގު އުސޫލުން ބުރެއް ކުޅެނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ނެހުރޫ ކަޕަށް ނެގި ގައުމީ ސްކޮޑް:

ނިއު ރޭޑިއަންޓް:
އިމްރާން މުހައްމަދު (ގޯލްކީޕަރު)
އަހުމަދު ތޯރިގް (ޓޮމް)
އަލީ އަޝްފާގް (ދަގަނޑޭ)
އިބްރާހީމް ފަޒީލް (އޮއްޕޮ)
އަހުމަދު އަބުދުﷲ (ލިލީ)

މާޒިޔާ:
މުހައްމަދު އިމްރާން (ގޯލްކީޕަރު)
ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)
އިސްމާއީލް އީސާ (މެސީ)
އަހުމަދު ރަޝީދު (އައްމަޑޭ)
އަސަދުﷲ އަބުދުﷲ

ވިކްޓަރީ:
ރިލްވާން ވަހީދު (ކަކާ)
ޝާފިއު އަހުމަދު
މުހައްމަދު ޝިފާން (ކުޑައްޓޭ)
މުހައްމަދު ރަޝީދު (ހޮކޭ)
އަކުރަމް އަބުދުލްގަނީ
މުހައްމަދު އުމޭރު
ހަސަން އަދުހަމް

ވީބީ ސްޕޯޓްސް:
ފައިރޫޒް އާދަމް ސަމީރު
ފަރުހާދު އިސްމާއީލް
އަސްއަދު އަލީ (އަޑުބަރޭ)
އަހުމަދު ނާޝިދު (ނާއްޓޭ)

އޭވައިއެލް:
މޫސާ ޔާމީން

އީގަލްސް:
މުހައްމަދު ޔަމާން (ގޯލްކީޕަރު)
މުހައްމަދު އާރިފް (ބަކާ)
އަހުމަދު އިމާޒު (އާއްކޮ)
މުހުތާރު ނަސީރު (ޓޫކިލޯ)