18 Aug 2025, 11:36
ގިނަ ފަހަރަށް އިންޝުއަރެންސް ކުންފުނިތަކުން އިންޝުއަރެންސްކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ނުދީ އޮންނަ ކަމަށާއި، އެހެންވެ އެ މީހުންގެ ހައްގަށް ވަރަށް ބޮޑަށް އުނިކަން ލިބޭކަމަށް، ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ މެޖޯރިޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިންޝުއަރެންސް ބިލު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، ބޭސްފަރުވާ ފަދަ އެކިއެކި ކަންކަމުގައި އިންޝުއާކުރާއިރު އިންޝުއަރެންސްގެ ޚިދުމަތްދޭ ކުންފުނިތަކުން ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ އިންޝުއަރެންސް ކުންފުނިތަކުން ޚިދުމަތް ލިބިގަންނަ މީހުންގެ ހައްގުތަކަށް ބައެއް ފަހަރު އުނިކަން އަންނަ ކަމަށެވެ.
"ވަރަށް ގިނަ ފަހަރު އިންޝުއަރެންސް ކުންފުނިން މި އޮންނަނީ އެ ފަރާތަށް ލިބެންޖެހޭ ހައްގުން ބޯ ދަމައިގަތުމުގެ ގޮތުން ކޮންމެވެސް ބަހަނާއެއް ދައްކައިފައި އޭގެ ތެރެއިން ސަލާމަތްވެގެން ގޮސްފައި، އެހެން ނަމަވެސް އެ ގެއްލުން ލިބޭ ފަރާތަށް އޭގެ ބަދަލު ނުލިބި ދާކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ ހަފުތާ ބަންދުގައި ބޭއްވި މާލިއްޔަތު ކޮމިޓީން ނިންމީ އިންޝުއަރެންސް ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ތޯރިގު ހުށަހެޅުއްވި މި ބިލުގެ ކޮމިޓީ މަރުހަލާ ނިންމައި ތަޅުމަށް ފާސްކުރަން ފޮނުވީ ބިލު ކޮމިޓީއަށް ދިރާސާކުރަން ފޮނުވިތާ އަހަރެއް ފަހުންނެވެ.
އިންޝުއަރެންސް ކުންފުނިތަކުގެ ދައުރު ފުޅާކޮށް ކޮމިޓީ މަރުހަލާގައި ގެނައީ ކޮންމެހެން ބިލު ފުރިހަމަކުރުމަށް ޓަކައި ގެންނަން ޖެހޭ ކުދި އިސްލާހުތަކެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ތޯރިގު ފާހަގަކުރެއްވީ ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށް ޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމެވެ.
އަދި އިންޝުއަރެންސް ކުންފުނިތަކާއި އެ ކުންފުނިތަކާ ގުޅިފައިވާ ފަރާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާއި، އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަކީ ވެސް މި ބިލުގެ މަގުސަދެއްކަން ތޯރިގު ފާހަަގަކުރެއްވިއެވެ.
މި ބިލުގައި ވަނީ އިންޝުއަރެންސް ކުންފުނި ނުވަތަ ގުޅިފައިވާ ފަރާތަކުން ގާނޫނާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައެވެ.
ހަމައެއާއެކު އިންޝުއަރެންސް ބިލުގައި ހިމެނޭ، މަނާ ކަމެއް ކުރުމުގެ ތުހުމަތުގައި އެ ފަރާތެއް ބަލާ ފާސްކުރުމަށް ހުރަސްއަޅައިފިނަމަ 75،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
އަދި މި ގާނޫނުގެ ދަށުން އަދަބު ކަނޑައަޅާފައިނުވާ ކަމަކަށް، އެކަމުގެ ކުޑަބޮޑު މިނަށް ބަލައި ފަސްހާސް ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ.