18 Aug 2025, 08:39
އިންޑިއާގެ 79 ވަނަ މިނިވަންދުވަހާ ގުޅުވައިގެން "ދަ ތާޖް ސްޓޯރީ"ގެ ނަމުގައި ފިލްމެއް ގެނެސްދޭން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
އެކްޓަރު ޕަރޭޝް ރާވަލް އަދި ޒާކިރު ހުސެއިން ފަދަ ތަޖުރިބާކާރު އެކްޓަރުން މުހިއްމު ރޯލްއިން ފެންނާނެ މި ފިލްމަކީ އިންޑިއާއަށް ކުރިމަތިވަމުން އަންނަ ޓެރަރިޒަމުގެ ހަމަލާތަކާއި އިންޒާރުތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ސޯޝަލް ޑްރާމާއެއް ގޮތަށް ގެނެސްދޭ މި ފިލްމު އިއުލާނުކުރަމުން ފިލްމުގެ ޑައިރެކްޓަރު ތުޝާރު އަމްރިޝް ގޮއެލް އަދި ޕްރޮޑިއުސަރު ވިކާސް ރާދެޝާމް ބުނެފައި ވަނީ މިނިވަންކަމަށް 79 އަހަރު ފުރިފައިވީ ނަމަވެސް އިންޑިއާ އަކީ އަދިވެސް ޓެރަރިޒަމްގެ އަޅަކަށް ވެފައިވާ ޤައުމެއް ކަމަށެވެ.

ޕަރޭޝް މުހިއްމު ރޯލަކުން ފެނުނު ފިލްމު "ނިކިތާ ރޯއި"ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ
މި ފިލްމަކީ ތާރީޚާ ގުޅުންހުރި ފިލްމެއް ނޫން ކަމަށާއި ނަމަވެސް ވަރަށް ވަރުގަދަ ބަހުސެއް ފިލްމުން ފެންނާނެ ކަމަށް ތުޝާރު ވަނީ ބުނެފައެވެ. އެގޮތުން އެތައް ޤަރުނެއް ވަންދެން ގިނަ ބައެއްގެ ހިތުގައި އިންޑިއާގެ ތާޖް މަހަލްއާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ބަހުސްތައް ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމު މި އަހަރުގެ އޮކްޓޯބަރު މަހުގެ 31ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު މިއީ ބެލުންތެރިންގެ މެދުގައި ވެސް ބޮޑު ބަހުސެއް ފެށޭނެ ފިލްމަކަށްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވަރަށް ގިނަ ފިލްމުތަކުން ފެނިފައިވާ އެކްޓަރު ޕަރޭޝް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ނިކިތާ ރޯއި"އިންނެވެ.