17 Aug 2025, 23:49
މެދުރާއްޖެތެރޭ ރަށެއްގައި ހުރި އެމްޓީސީސީގެ މަސައްކަތު ސައިޓަކުން ޑީސަލް ފީފާއެއް ވަގަށް ނަގައި، އޭނާގެ ބައްޕަގެ ގުދަނުގައި ރައްކާކުރި މީހަކު ޖަލަށް ލާން، ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މާލޭން އުތުރުގެ ރަށެއްގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ހާދިސާ ހިނގި ރަށަށް ނިސްބަތްވާ ފިރިހެނަކުވަނީ އެމްޓީސީސީ ސައިޓުން 200 ލީޓަރުގެ ޑީސަލް ފީފާއެއް ވަގަށް ނަގާފައެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި އެ މީހާގެ މައްޗަށް ދައުވާ އުފުލުމުން އޭނާވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ދައުވާ ލިބޭ ފަރާތުން އިންކާރު ކުރުމުން ދައުލަތުންވަނީ ތިން ހެއްކެއް މި މައްސަލައިގައި ހުށަހަޅާފައެވެ. އެއީ އަންހެނަކާއި ފިރިހެނެއްގެ އިތުރުން ސިއްރުން ހެކިބަސް ދިން ސިއްރު ހެއްކެކެވެ.
ސިއްރުން ހެކިބަސްދިން މީހާވަނީ، ދައުވާ ލިބުނު މީހާ 200 ލީޓަރުގެ ތެޔޮ ފީފާއެއް ފުރޮޅަމުން ގެންދިޔަތަން ދުށް ކަމަށް ބުނެ ހެކިބަސްދީފައެވެ. އަދި އެ މަންޒަރު ފެނުމުން އެމްޓީސީސީގެ ސައިޓް މެނޭޖަރަށް އެކަން އެންގި ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.
މި މައްސަލައިގައި ހެކިބަސްދިން އަންހެނަކީ ފުލުހެކެވެ. އޭނާވެސްވަނީ ތެޔޮ ފީފާ ގެންދިޔަ މަންޒަރު ދުށް ކަމަށް ހެކިބަސްދީފައެވެ. އަދި ތެޔޮ ފީފާ ގެންގޮސް ބަހައްޓާފައި ހުރި ގުދަނަށް، އެ ގުދަނުގެ ވެރިފަރާތުގެ އިޒުނައާއެކު ފުލުހުން ވަދެ ބަލާފައިވެއެވެ. ގުދަނުގެ ވެރިފަރާތަކީ މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުގެ ބައްޕައެވެ.
މި މައްސަލަ އެ މީހާގެ މައްޗަށް ސާބިތުވާކަމަށް ޝަރީއަތުން ކަނޑައެޅުމުން، ލުއި އަދަބެއް ދިނުމަށް އޭނާ އެދުނެވެ. އެ ގޮތުން ޖޫރިމަނާގެ އަދަބަކަށް އޭނާ އެދުނު ނަމަވެސް، ޖޫރިމަނާ ދެއްކޭނެ ފަދައެއް އޭނާގެ ހުރިކަން އެނގޭނެ ހުށަހެޅުމެއް ހުށަހަޅާފައި ނެތުމުން ޝަރީއަތުން ނިންމީ އެ މީހާ ޖަލަށްލާށެވެ.
މި މައްސަލައިގައި އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނިންމީ، ދައުވާ ލިބޭ މީހާ، ހަތަރު މަހާއި 14 ދުވަހަށް ޖަލަށްލާށެވެ. އެހެންނަމަވެސް މި މައްސަލައިގައި އޭނާ 10 ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު ޖަލު ހުކުމުން އުނި ކުރިއެވެ.