17 Aug 2025, 20:49
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓްބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން ބާއްވާ އެޓޯލް ޗެމްޕިއަންޝިޕް 2025/2026 އަންނަ އޮކްޓޯބަރުގައި ފެށުމަށް ނިންމާ، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެފްއޭއެމުން ގެޒެޓުގައި ޝާއިއުކުރި އިއުލާނުގައިވަނީ، އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައި، އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ސަރަހައްދުގައި މިއަހަރު އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފެށުމަށް ތާވަލްކޮށްފައިވާ ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެފްއޭއެމްގެ ([email protected]) އީމެއިލްއަށް ފޮނުއްވުމަށް ވަނީ އެދިފައެވެ.
މި އިއުލާނުގައިވާ ގޮތުން ނޯތު ރީޖަންގެ ކުޅުން ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުން ނޮވެމްބަރު މަހުގެ 30ގެ ނިޔަލަށެވެ. އަދި ސެންޓްރަލް ރީޖަންގެ ކުޅުން ނޮވެމްބަރު މަހުގެ 15އިން ޑިސެމްބަރު މަހުގެ 30ގެ ނިޔަލަށް ކުރިއަށްދާއިރު، ސައުތު ރީޖަންގެ ކުޅުން ކުރިއަށްދާނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 15ގެ ނިޔަލަށެވެ. އެކަމަކު މުބާރާތުގައި ޓީމުތައް ބައިވެރިވާ އަދަދަށް ބަލައި މި ތާރީޚުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.
އެފްއޭއެމްއިން މީގެ ކުރިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ދެ ބުރަކަށް ބަލާހައިގެން މި ފަހަރުގެ ސީޒަންގައި ކުޅޭނީ 90 މެޗެވެ.
ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމަށް އަންނަ އަހަރުގެ ލީގުން ޖާގަ ކަށަވަރުވާއިރު، އެންމެ މަދުން ޕޮއިންޓް ހޯދާ ދެ ޓީމަށް ކުރީގެ ދެވަނަ ޑިވިޝަނުގެ ގޮތުން މިއަހަރުން ފެށިގެން ބާއްވާ ރީޖަނަލް ލީގުގެ މާލޭ ލީގަށް ރެލިގޭޓުވާނެއެވެ. ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދާ ދެ ޓީމު ކުޅެން ޖެހޭނީ މާލޭ ލީގުގެ ކޮލިފިކޭޝަން ބުރުގައެވެ.
ޕްރިމިއާ ލީގުގެ އުސޫލުގައިވާ ގޮތުން ލީގުގެ ހަތްވަނަ ޓީމާއި އަށްވަނަ ޓީމާއި، ނޯތު ލީގާއި ސެންޓްރަލް ލީގު އަދި ސައުތު ލީގާއި މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ހިމެނޭ ގޮތަށް ހަ ޓީމު ޕްރިމިއާ ލީގުގެ ކޮލިފައިންގައި ވާދަކުރަން ޖެހޭނެއެވެ. މި ކޮލިފިކޭޝަނުގެ ގަދަ ހަތަރު ޓީމު 2026/2027 ސީޒަނުގެ ލީގަށް ކޮލިފައިވާނެއެވެ.