ރާއްޖެ ޓީވީގެ ކޭބަލްތަކެއް އިއްޔެ ބުރިކޮށްލާފައި ވާތީ އެކަން ކުށްވެރިކޮށް، އެކަން ފުރިހަމައަށް ތަހުގީގުކުރުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ( އެޗްއާރުސީއެމް) އިން ގޮވާލައިފި އެވެ.

ރާއްޖެ ޓީވީ ހިންގަމުން އަންނަ އިމާރާތަށް ބަޔަކު ވަދެ، އެޓީވީގެ ކޭބަލްތަކެއް ބުރިކޮށްލި ކަމަށް އެތާގެ މަސްއޫލުވެރިން ބުނިތާ އެއް ދުވަސް ފަހުން، އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ "މިފގަދަ އަަމަލުތަކަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ އަމަލުތަކެއް ނޫން ކަންފަހަގަކޮށް، މި އަމަލު ކޮމިޝަނުން ވަރަށް ބޮށަށް ކުށްވެރިކުރާ" ކަމަށެވެ.

ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވަނީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމަކީ އާއްމު ހައްގުތަކެއް ކަމަށާއި އެހައްގުތަކަށް އެއްވެސް ފަރާތަކުން ހުރަސް އެޅުމަކިީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމަކީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އާއްމު ހައްގުތަކެއް ކަމަށް ވީހިނދު، މިހައްގުތަކަށް ހުރަސްއެޅުމަކީ ނުވަަތަ ހުރަސްއަޅުމަށް މަސައްކަތް ކުރުމަކީ އެއްވެސް ހާލެއްގައި ކުރެވިގެންވާނެ، އަދި ބަލައިިގަނެވޭނެ ކަމެއް ނޫނެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ވަނީ ނޫސްވެރިންނަށާއި މީޑިއާގައި މަސައްކަޔްކުރާ ފަރާތްތަކަށް އަމާންކަމާއި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ދައުލަތުން ފަހިކޮށްދިނުމަށް ކޮމިޝަނުން ގޮވާލާ ކަމަށެވެ.

ރާއްޖެޓީވީގެ ކޭބަލްތަކަށް ދިން ގެއްލުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން( އެމްޖޭއޭ) އާއި މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން އިއްޔެ ވަނީ ކުށްވެރިކޮށްފަ އެވެ.

ރާއްޖެ ޓީވީގެ ތެރެއަށް ބަޔަކު ވަދެ އެޗެނަލް އޮންއެއާ ކުރުމަށް ބޭނުންކުރާ ކޭބަލް ބުރިކޮށްލާފައިވާ ކަމަށާއި އެކަންތައް ބަޔަކު ކޮށްފައި ވަނީ އެ ޓީވީ ސްޓޭޝަން ހުންނަ އިމާރާތުގެ ތެރެއަށް ބަޔަކު ވަދެ އެތަނުގެ ލިފްޓްގެ ކަރަންޓް ކަނޑާލުމަށް ފަހު އެ ޓީވީ ހުންނަ އެ އިމާރާތުގެ ދެވަނަ ބުރީގެ ކަރަންޓް ކަނޑާލައިގެންނެވެ. ރާއްޖެ ޓީވީ އޮފީސް ހުންނަނީ އިލެކްޓްރޯނިކް ސިސްޓަމް ހަރުކޮށްފައި ކަމަށްވާތީ ކަރަންޓް ދިއުމުން އޮޓޯ އިން ހުރިހާ ދޮރުތައް ހުޅުވޭ ކަމަށް ވެސް އެޓީވީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.