ޣައްޒާގެ އާންމުން ގޮވައިގެން ސިއްހީ ފަރުވާއަށް އެމެރިކާއަށް ދިއުމަށް ބޭނުންކުރާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން، ޣައްޒާއިން އަންނަ މީހުންނަށް ވިޒިޓާ ވިސާ ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލާފައިވާކަން އެމެރިކާއިން އިއުލާނުކޮށްފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނީ ވިސާ ދިނުން ހުއްޓާލީ ފާއިތުވި ދުވަސްތަކުގައި މަދު އަދަދެއްގެ ވަގުތީ މެޑިކަލް ހިއުމަނިޓޭރިއަން ވިސާ ދޫކުރުމަށް ބޭނުންކުރި ޕްރޮސެސް އާއި ޕްރޮސީޖާތައް ފުރިހަމައަށް މުރާޖާ ކުރުމަށް ކަމަށެވެ.

އެ ނިންމުން ފަލަސްތީނުގެ ހައްގުތަކާ ބެހޭ ބައެއް ޖަމާއަތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ފަލަސްތީން ޗިލްޑްރަންސް ރިލީފް ފަންޑުން ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަކީ އަނިޔާވެ، އަދި ހާލު ސީރިއަސް ކުދިން ޣައްޒާއިން އެމެރިކާއަށް ގެންދިއުމަށް މިހާރު އޮތް ފުރުސަތަށް ލިބުނު އިއާދަނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.

ވިސާއާ ގުޅިގެން ސްޓޭޓް ޑިޕާޓްމަންޓުގެ ސިޔާސަތު ބަދަލުކޮށްފައި ވަނީ ވިސާ ޕްރޮގްރާމަށް ފާޑުކިޔައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެކަން ނިމުމަކަށް ގެނައުމަށް އެކްޓިވްސްޓް ލައުރާ ލޫމާ އެކްސް ގައި ވަރަށް ގިނަ ޕޯސްޓްތަކެއް ކުރި ފަހުންނެވެ.

ނިންމުން ބަދަލުކުރުމުގެ ފަހުން ކުރި ޕޯސްޓެއްގައި ލޫމާ ވަނީ ވިސާ ހުއްޓާލީތި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ޝުކުރު އަދާކޮށްފައެވެ.

ފަލަސްތީނުގެ ކުޑަކުދިންގެ ރިލީފް ފަންޑުން ބުނީ ރާއްޖެއިން ބޭރުގައި ފަރުވާ ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު ޣައްޒާއިން 169 ކުދިން ނެރެ، މެދުއިރުމައްޗާއި ޔޫރަޕާއި ދެކުނު އެފްރިކާ އަދި އެމެރިކާއަށް ފަރުވާ ދިނުމަށް ފޮނުވާފައިވާ ކަމަށެވެ.

ޣައްޒާ ހަނގުރާމައަށް ގާތްގަނޑަކަށް ދެ އަހަރު ވެފައިވާއިރު، ސިއްހީ ނިޒާމުގެ ބޮޑު ބައެއް ހަލާކުވެ، އެތައް ބަޔަކު ވަނީ ފަރުވާ ނުދެވުމުގެ ސަބަބުން މަރުވެފައެވެ.

ޣައްޒާ ހިފުމަށް އެކުލަވާލާފައިވާ ޕްލޭން އިސްރާއީލުގެ ކެބިނެޓުން މިދިޔަ ހަފުތާ ފާސްކުރުމާއެކު، އިސްރާއީލުން ޣައްޒާއަށް ދެމެންގެންދާ ހަމަލާތައް ކުރިއަށްވުރެ ބޮޑަށް ވަނީ ވަރުގަދަކޮށްފައެވެ.

އެގޮތުން މިއަދު ވަނީ ޣައްޒާ ސިޓީގެ އަލް އަހުލީ ހޮސްޕިޓަލަށް ބޮން އަޅައި ހަތް މީހުން ޝަހީދުކޮށްލާފައެވެ.

ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނިގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން އިތުރު 11 މީހަކު ވެސް ވަނީ މަރުވެފައެވެ. އެއާއެކު ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 251އަށް އަރާފައެވެ. އޭގެތެރޭގައި 108 ކުޑަކުދިން ހިމެނެއެވެ.