ޕާކިސްތާނުގެ ދެކުނަށާއި ހުޅަނގުއުތުރުގެ ބައެއް ސަރަހައްދުތަކަށް އާދަޔާޚިލާފަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ގެއްލުން ލިބުނު އާއިލާތަކަށާއި، މީހުން މަރުވި އާއިލާތަކުގެ އިތުރުން ޕާކިސްތާނު ސަރުކާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މީގެ ދެ ދުވަސް ކުރިން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރަ އަދިވެސް އަލިނުވާއިރު އެ ވިއްސާރާގައި މިހާތަނަށް 307 މީހަކު މަރުވެ، އެތައް ބަޔަކުވަނީ ގެއްލިފައެވެ. އަދި، 70 އެތައް ގެއެއް ހަލާކުވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ މަގުމަތިވެފައެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެ ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުމާއި، އެހެނިހެން ބޮޑެތި ގެއްލުންތައް ލިބުމުން ހިތާމަކުރައްވާ ކަމަށެވެ.

މި ދަތި ދަނޑިވަޅުގައި ރާއްޖެ އޮތީ ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަމަށް ވިދާޅުވެ އެމަނިކުފާނު އެ މެސެޖު ފޮނުއްވީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށާއި، އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއަށެވެ.

ޕާކިސްތާނުގައި ފެންބޮޑުވެފައި -- ފޮޓޯ/ ގެޓީ އިމޭޖަސް

ޕާކިސްތާނުގެ މޫސުމާ ބެހޭ މައި އިދާރާއިން އަންދާޒާ ކޮށްފައިވާ ގޮތުން ކުރިއަށް އޮތް ހަތަރު ދުވަހު ވެސް އެ ގައުމުގެ އެކި ސަރަހައްދުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެއެވެ. ވިއްސާރަ އަލިވާން ފަށާނެ ކަމަށް ބެލެވެނީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހަށް ފަހެވެ.

ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގެ އާޒާދެ ކަޝްމީރުގެ ކައިރީގައިވާ އިންޑިއާގެ ޖަންމޫ ކަޝްމީރަށް ވެސް ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވެސް ދަނީ ކުރިމަތިވަމުންނެވެ. އަދި ވިއްސާރަ ދިގުލައިގެންދާތީ ޕާކިސްތާނުގެ ސުވާތު ސަރަޙައްދުގައިވާ ކޯރުތައް ފުރި ބަންޑުންވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ޕާކިސްތާނުގައި ފެންބޮޑުވެފައި -- ފޮޓޯ/ އެމަނުއެލް ގުޑްޑޯ/ކޮންސާން ވޯލްޑްވައިޑް

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ މުއައްސަސާތައް ހީވާގިކަމާ އެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

އަދި، ޝެހްބާޒް ޝަރީފް ވަނީ ވިއްސާރައިގެ ގެއްލުންތައް ގާތުން ބެލުމަށްޓަކައި ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި ގެއްލުންތައް ބަލައި އެހީ ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސްކުރަން މަތީ ފެންވަރުގެ ޚާއްސަ ޓާސްކް ފޯސްއެއް ވެސް އުފައްދަވާފައެވެ.