08 Aug 2012, 13:52
ސަރުކާރު މުވައްޒަފުންގެ އިތުރުގަޑި، އޯޓީ އަށް މިހާރު ދޭ ފައިސާ ވެސް ބޮޑުކަމަށާއި އެކަން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިނޭންސްގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގް މިއަދު ސަން އޮންލައިންއަށް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ކަޑިއަށް ބަދަލުގެނައި ނަމަވެސް އޯޓީ ފައިސާ އަށް ދޭ ގޮތަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި އޯޓީ ފައިސާ ދެމުން އަންނަ ގޮތް ކޮންޓްރޯލް ކުރަން ޖެހިފައިވާ ކަމަށެވެ.
"އެ ބަދަލު [މުވައްޒަފުންގެ މަސައްކަތުގެ ވަގުތަށް ބަދަލުގެނައި] އިރު އޯޓީ ފައިސާ އަށް ލުއި ލިބޭނެ ކަމަށް ބަލާފައި އެ ބަދަލު ގެނައީ. ނަމަވެސް އޯޓީ ދޭގޮތަށް ބަދަލުތަކެއް އައިސްފައެއް ނެތް. މިހާރު މިދެވޭ ވަރު ވެސް މިއީ ބޮޑުވަރެއް، މިކޮޅުން ވިސްނާފައި އޮތީ އޯޓީ ފައިސާ ދޭގޮތަށް ބަދަލުގެންނަން،" ޝަފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޯޓީ ފައިސާ ދޭން ކަނޑައަޅާފައިވާ އުސޫލަކީ ކޮންމެ އޮފީހަކަށް ވެސް ދޫކޮށްފައިވާ މުސާރައިގެ ބަޖެޓުން ފަސް ޕަސެންޓަށް ވުރެ އިތުރުނުވާނެ ގޮތަކަށް އޯޓީ ހަމަޖެއްސުން ކަމަށާއި ނަމަވެސް މިވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން އެ އަދަދު ކުޑަކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިތުރުގަޑީގައި ފައިސާ ދެމުން އަންނަނީ ކަޑައަޅާފައި އޮންނަ އުސޫލުންކަން މޮނީޓާ ކުރެވެމުން ނުދާ ކަމަށެވެ.
"ކަނޑައަޅާފައި އޮންނަ ވަރަށް ކަމެއް ނޭނގޭ މިހާރު އޯޓީދެމުން ގެންދަނީކީ [އޮފީސްތަކުން]. އެކަންވެސް ބެލެމުންނެއް ނުދޭ. އެހެންވެ ފިނޭންސްގެ ވިސްނުން ހުރީ އެކަމަށް ވެސް ގޮތްތަކެއް ކަނޑައަޅަން. އެ ފައިސާ ދޭގޮތް ކޮންޓްރޯލް ކުރަން އެބަޖެހޭ،" ޝަފީގު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އެޅި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އިތުރުގަޑީގެ ގޮތުގައި މަސަތްކުރަން ދީފައި އޮންނަ ހުއްދަތައް ވަރަށްބޮޑަށް ހަނިކުރި އެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ގޮތުގައި ޝަފީގު އިތުރުކަންތައްތައް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނުކުރުމަށާއި ދަތުރެއް ކުރަން ޖެހުނު ނަމަވެސް އެކޮނަމީ ކްލާހުން ދަތުރުކުރުމަށް އޮފީސްތަކަށް އިރުޝާދުދީފައިވާ ކަމަށެވެ. އަދި ކޮންމެހެން ގަންނަން ޖެހޭ އެއްޗެއް ނޫނީ ނުގަތުމަށް ވެސް މިނިސްޓްރީތަކަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޮފީސްތަކަށް އެގޮތުން ވެސް ހަރަދުކުޑަކުރަން ހުންނާނީ އަންގާފައި. އޮފީސްތަކުން ވެސް ބަލައިލީމާ އެބޭފުޅުންނަށް އެނގޭނެ ހަރަދު ކުޑަކުރެވޭނެ ދިމަދިމާ. އެގޮތައް ބަލައިގެން ހަރަދުކުޑަކުރެވޭނެ. ހަރަދުތައް މިންގަނޑެއްގައި ހިފެހެއްޓުން ނޫންގޮތެއް ނޯންނާނެ،" ޝަފީގު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ވެސް ދާދިފަހުން ވިދާޅުވެފައި ވަނީ ސިޔާސީ އެކި މަގުސަދުތަކަށް ޓަކައި ކޮށްފައިވާ ހަރަދުތަކާ ހުރެ ދައުލަތުގެ ހަރަދުތައް އަތް ނުފޯރާފަށަށް އަރާފައިވާ ކަމަށެވެ. މިއަހަރުގެ ހަ މަސް ދުވަސްފާއިތުވި އިރު ދައުލަތުން ވަނީ 7.6 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެއާ އެކު ސަރުކާރުން މިހާރު ވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ ބަޖެޓުން 15 ޕަސެންޓް އުނިކޮށްފަ އެވެ.