17 Aug 2025, 15:49
ރައްޓެއްސެއްގެ މަންޒަރު ހިމެނޭ ކޮންޓެންޓް, ބޭނުންކޮށްގެން އޭނާ ބްލެކްމެއިލްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިއީ ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ ފިރިހެނަކު، އޭނާއާއެކު އެއް ރިސޯޓެއްގައި މަސައްކަތް ކުރި ގާތް ފިރިހެން ރައްޓެއްސެއްގެ ބަރަހަނާ ވީޑިއޯ ބޭނުންކޮށްގެން އޭނާ ބްލެކްމެއިލްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން، ދައުލަތުން ދެ ދައުވާއެއް އެ މީހާގެ މައްޗަށް އުފުލާފައިވެއެވެ. އެއީ، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެއްގުޅުމުގެ ކުށުގެ ދައުވާ އެ މީހާގެ މައްޗަށް އުފުލާފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ވީޑިއޯ ކޯލެއްގެ ސްކްރީން ރެކޯޑް ބޭނުންކޮށްގެން އޭނާގެ ރައްޓެއްސެއް ބްލެކްމެއިލް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އޭނާގެ ފޯނު ހިފަހައްޓައި ބެލިއިރު، ފޯނުން އޮރިޔާން މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ފެނިގެންނެވެ.
އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އުފުލާފައިވަނީ އޭނާގެ ރައްޓެހި މީހާގެ އޮރިޔާން މަންޒަރުތައް ދައްކައިދޭ ވީޑިއޯ ލީކުކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން އެކި ފަހަރު މަތިން 13500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ. ބިރު ދައްކައިގެން މި މީހާ ފައިސާ ޖަމާކުރުވާފައިވަނީ އޭނާގެ އަންހެނުންގެ އެކައުންޓަށެވެ.
ދައުލަތުން ދައުވާ ކުރި މި ދެ މައްސަލައަށްވެސް ދައުވާ ލިބުނު މީހާވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންކަމުން ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މި ދެ މައްސަލައިގެ ތެރެއިން އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ މި މީހާގެ މައްޗަށް އިއްވާފައިވަނީ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ. އެކަމަކު، އެ އަދަބު ލުއިކޮށް، ފަސް މަހާއި ހަ ދުވަހުގެ ގޭ ބަންދަކާއި، 24،000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން 480 ގަޑިއިރު މުޖްތަމައަށް ހިދުމަތް ކުރުމަށްވަނީ ބަދަލުކޮށްފައެވެ.
ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވެ، އެ މީހާގެ މައްޗަށް އިއްވާފައިވަނީ ނުވަ ދުވަހުގެ ޖަލު ހުކުމެވެ. އެކަމަކު ޝަރީއަތުންވަނީ އެ އަދަބުވެސް ލުއިކޮށްދީފައެވެ. ނުވަ ދުވަހުގެ ޖަލު ހުކުމުގެ އަދަބު ލުއިކޮށްފައިވަނީ 18 ދުވަހުގެ ގޭ ބަންދު އަދަބަކަށެވެ.