17 Aug 2025, 15:05
ރާއްޖޭގެ އެކައުންޓިން އަދި އޮޑިޓިން ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް (ސީއޭ މޯލްޑިވްސް)އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފާވެއެވެ.
މި އެއްބަސްވުމުގެ ދަށުން އެކައުންޓިންއާއި އޮޑިޓިންގެ ދާއިރާގައި ފަންނީ މިންގަނޑުތައް މަތިކުރަން ބީއެމްއެލްއާއި ސީއޭ މޯލްޑިވްސް ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން ފަންނީ ހުނަރުތައް އިތުރުކުރުމާއި، ގަވާއިދުތައް ތަރައްގީކުރުމާއި، ކެޕޭސިޓީ ބިލްޑިން މެދުވެރިކޮށް އެކައުންޓިން އަދި އޮޑިޓިން ދާއިރާ ހަރުދަނާކުރަން ބީއެމްއެލްއިން ސީއޭ މޯލްޑިވްސްއާ އެކު މަސައްކަތްކުރާނެއެވެ.
"މި ބައިވެރިވުމަކީ މުޅި ގައުމަށް އެކައުންޓިން އަދި ފައިނޭންސް ދާއިރާގެ ފަންނީ މިންގަނޑުތައް މަތިކުރުމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް. ސީއޭ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކުރުމުން އަޅުގަނޑުމެންގެ މަގުސަދަކީ ކެޕޭސިޓީ ބިލްޑިން މެދުވެރިކޮށް، އެންމެ ރަނގަޅު އުސޫލުތައް ކުރިއެރުވުމާއި، މުޅި މާލީ ދާއިރާއާއި ދިވެހިރާއްޖޭގެ އިގުތިސާދުގެ ކުރިއެރުމަށް އެހީތެރިވުން،" ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އާއި ސީއޭ މޯލްޑިވްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާ މަންޒަރު-- ފޮޓޯ/ ބީއެމްއެލް
މި އެއްބަސްވުމުގެ މަގުސަދަކީ އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާގައި ހުނަރު، މައުލޫމާތު އަދި ނަޒާހަތްތެރިކަމުގެ މިންގަނޑުތައް ތަރައްގީކުރުމަށް އެހީތެރިވެދީ، ދެ މުއައްސަސާއަށާއި ދިވެހި އިގުތިސާދަށް ދިގު މުއްދަތުގެ ފައިދާ ހޯދައިދިނުމެވެ.
ބީއެމްއެލްއިން އަންނަނީ ރައްޔިތުންނަށާއި، ވިޔަފާރިތަކަށާއި، މުޖުތަމައުތަކަށް އެހީތެރިވުމަށް އެކި ބައިވެރިވުންތަކާއި މަސައްކަތްތައް ކުރަމުންނެވެ.
ފާއިތުވި އަހަރު ބީއެމްއެލްއިން ވަނީ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް) ބޭއްވުމަށް ސީއޭ މޯލްޑިވްސްއާ އެކު ބައިވެރިވެފައިއެވެ. އެ ފޯރަމްގައި ފަންނީ ބޭފުޅުންނަށް އެކުގައި މަސައްކަތްކުރުމަށާއި، މައުލޫމާތު ބަދަލުކުރުމަށާއި، ދާއިރާގެ ބައިވެރިންނާ އެކު ގުޅުން ބަދަހިކުރުމަށް ވަރަށް ރަނގަޅު މަންސައެއް ލިބިފައިވާކަމަށް ބީއެމްއެލްއިން ބުންޏެވެ.