ޖަރުމަނުވިލާތުގެ ފުޓްބޯޅަ ސީޒަން ފެށުމުގެގޮތުން ކޮންމެ އަހަރަކު ކުޅޭ ޖާމަން ސުޕާ ކަޕް ބަޔޭން މިޔުނިކުން ކާމިޔާބު ކޮށްފިއެވެ.

ބުންޑެސްލީގާގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިޔަތުން މިމެޗުގައި ވާދަކުރި ބަޔޭން ސުޕާ ކަޕް ކާމިޔާބު ކޮށްފައިވަނީ ޖާމަން ލީގު ކަޕްގެ ޗެމްޕިއަން ޝުޓުޓްގާޓްއާ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ބަޔޭން އިންނެވެ. މިލަނޑު މެޗުގެ 18ވަނަ މިނެޓުގައި ޝުޓުޓްގާޓްގެ ޑިފެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ކާމިޔާބު ކޮށްފައިވަނީ ފޯވަޑް ހެރީ ކޭންއެވެ.

ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބުނެވެ. މިމެޗުގައި ބަޔޭންއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 77ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސީޒަންގައި އެޓީމާއި އަލަށް ގުޅުނު ލުއިސް ޑިއާޒްއެވެ.

މިއީ ޑިއާޒް ބަޔޭންގެ ޖާޒީގައި ކުޅުނު ފުރަތަމަ ވާދަވެރި މެޗެވެ. މިމެޗުގައި ޝުޓުޓްގާޓްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖެމީ ލެވެލިންގްއެވެ.

މިކާމިޔާބީ އާއެކު ބަޔޭންއިން ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބު ކުރިއިރު މިއީ އެޓީމުން ސުޕާ ކަޕް ކާމިޔާބު ކުރި 11ވަނަ ފަހަރެވެ. މިތަށި ބަޔޭންއަށް ވުރެ ގިނައިން އެހެން އެއްވެސް ޓީމަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ޖަރުމަނު ބުންޑެސްލީގާގެ އާސީޒަންގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23ވަނަ ދުވަހުއެވެ. ލީގުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔޭން ނިކުންނާނީ އަމިއްލަ ދަނޑުގައި އާރްބީ ލެއިޕްޒިގާއި ދެކޮޅަށެވެ.