ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަމާޒަކީ ކުރިއަށް އޮތް ދެތިން މަސްތެރޭ ރާއްޖޭގެ އިތުރު 56 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށް, ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ މަޝްރޫއު ނިންމަލުންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ދިނުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ބ. މާޅޮހުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން ރާއްޖޭގައި އޭޓީއެމް ޚިދުމަތް ދޭންފެށީ 2000ވަނަ އަހަރު ކަމަށެވެ.

އޭރު މާލޭގައި ފަސް އޭޓީއެމްއެއް ބެހެއްޓި ކަމަށާއި، އޭގެ ހަތް އަހަރުފަހުން 2007ވަނަ އަހަރު އަތޮޅުތެރެއަށް އޭޓީއެމް ޚިދުމަތް ދޭން ފެށުނު ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން 19 ރަށެއްގައި އޭޓީއެމް ބެހެއްޓި ކަމަށާއި، 2008ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ހަމަޔަށް އިތުރު 68 ރަށުގައި އޭޓީއެމް ޚިދުމަތް ފެށިކަން އޭނާ ފާހަގަކުރެއްވިއެވެ.

މަކުނުދޫގައި ބީއެމްއެލް އިން ހުޅުވި އޭޓީއެމް -- ފޮޓޯ: ބީއެމްއެލް

ޝަރީފް އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ނުވަ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށި ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރު ނިމުނު އިރު މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޖުމްލަ 96 ރަށެއްގައި ބީއެމްއެލްއިން އޭޓީއެމް ޚިދުމަތް ދޭންފެށިއެވެ.

ޝަރީފް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ދ، ހއ، ނ، މ، ށ، ކ އަދި ބ އަތޮޅު ހިމެނޭ ގޮތަށް ހަތް އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފައެވެ.

މިވަގުތު އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ދެން ބާކީ އޮތް ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭ އޭޓީއެމް ޚިދުމަތް ގާއިމްކޮށް މި މަޝްރޫއު ކާމިޔާބުކަމާއެކީ ނިންމާލުމަކީ ބީއެމްއެލްގެ އަމާޒު ކަމަށާއި ބީއެމްއެލްގެ މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ބޭންކިން ޚިދުމަތްތައް ލިބޭނެކަމަށް އޭނާ ފާހަގަކުރަށްވާފައި ވެއެވެ.