17 Aug 2025, 15:14
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭ ސިޓީގައި ބޮލަކަށް ޖެހެނީ 'ތަށިމުށިގަނޑެއް'ހާ މިންވަރުގެ ކުޑަ ބިންކޮޅެއް ކަމަށް ސިޓީ ކައުންސިލުން ހެދި ލޭންޑް އޮޑިޓުން ފާހަގަވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މުޅި ރާއްޖޭގެ 41 އިންސައްތަ އާބާދީ ދިރިއުޅެމުން އަންނަނީ މާލޭ ސިޓީގައި ކަމަށެވެ. އެގޮތުން 68 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ މާލެއާއި ވިލިމާލޭގައި ކަމަށާއި، ބާކީ 32 އިންސައްތަ މީހުން އެއީ ހުޅުމާލޭގައި ދިރިއުޅޭ މީހުން ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މިހާ ބޮޑު އާބާދީއެއްގެ މީހުން އެއްތަނެއްގައި އުޅެން ޖެހުމުގެ ސަބަބުން މާލޭގެ އަވަށްތަކުގެ ބައެއް ސަރަހައްދުތައް ތޮއްޖެހި އިންސާނުން ދިރިއުޅުމަށް ބޭނުންވާ ޖާގަ ނެތްކަން އޮޑިޓުން ފާހަގަވި ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އިންސާނުން ދިރިއުޅުމަށް ކަމުދާ އެންމެ ކުޑަ މިންގަނޑެއް ގޮތުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑަކީ ބޮލަކަށް 96.8 އަކަފޫޓު ކަމަށެވެ.

މާލޭގެ ގޯޅިއެއް ތެރޭގައި މީހުން -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އެގޮތުން ވިލިމާލޭގައި ދިރިއުޅޭ މީހަކަށް 193 އަކަފޫޓު ޖެހޭއިރު ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް ޖެހެނީ 27 އަކަފޫޓެވެ. އެންމެ ކުޑަ ޖާގައެއްގައި މީހުން ދިރިއުޅެމުން އަންނަނީ މާލޭގައެވެ. އެއީ ބޮލަކަށް 5.4 އަކަފޫޓުވެ. އެއީ ބޮޑު ތަށިމުށިގަނޑެއްގެ ފުޅާމިނެވެ.
މާލެ ސިޓީ ކައުންސިލުގެ އާބަން ޕްލޭނިން ކޮންސެލްޓަންޓުން ތައްޔާރު ކުރަމުންދާ ލޭންޑް އޮޑިޓުގައި ހިމެނޭ ބިންތަކާއި އެ ބިން ބޭނުން ކުރަމުންދާ ގޮތް ދައްކުވައިދޭ ޗާޓު ތައްޔާރު ކުރުމަށް މާލެއާއި ވިލިނގިލީގެ ހުރިހާ ބިމަކަށް މައުލުމާތު އަޅަމުންދަނީ ޑްރޯން އިމޭޖިނެރީ ބޭނުން ކޮށްގެން އެ ބިންތައް ވަކި ވަކިން ޖިޔޯރިފެރެންސް ކޮށްގެން ކަމަށް ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 207 ވަނަ ޖަލްސާގައި މި އޮޑިޓުގެ އަދާހަމަ ހިއްސާކުރެއްވުމަށްފަހު މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލުން ލޭންޑް އޮޑިޓްޓެއް މިހާ ތަފްސީލުކޮށް ތައްޔާރު ކުރަމުންދާ ފުރަތަމަ ފަހަރު ކަމަށެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީގެ ގޭބީސީތަކުގައި ދިރިއުޅޭ މީހުންނަށް އެބައެއްގެ ގެދޮރާ ގުޅޭ މައުލޫމާތު ވަގުތުން ފެންނަން ހުންނަން ޖެހޭނެކަން ގަބޫލުފުޅު ކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެގޮތުގެ މަތިން އެ ގެއެއްގައި ދިރިއުޅޭ ފަރާތްތަކަށް އެ މައުލޫމާތުތައް ފެންނާނެހެން ޕޯޓަލްއެއް ހުޅުވާލާނެކަމަށް ވިދާޅުވިއެވެ. ގޯތީގައި ހިންގާ ވިޔަފާރިތަކާއި ކާރު ގަރާޖް ހުއްދަ ދެވިފައިވާ ނަމަ އެ މައުލޫމާތުތައް ވެސް އެ ޕޯޓަލްގައި ފެންނަން ހުންނާނެއެވެ.