17 Aug 2025, 13:16
އެމެރިކާގެ އޮހައިއޯގައި ކުރިއަށްދާ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލުން ޔަނިކް ސިނާ އާއި ކާލޯސް އަލްކަރާޒް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އަދި މިފަހަރުގެ މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސިނާ ޖާގަހޯދީ ސެމީ ފައިނަލްގައި ފަރަންސޭސިިވިލާތުގެ ޓެރެންސް އެޓްމާންއާ ބައްދަލުކުރި މެޗު ސިދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. 24ވަނަ އުފަންދުވަސް ފާހަގަ ކުރަމުންދިޔަ ސިނާ މިމެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކޮށްފައި ވަނީ ޓައި ބްރޭކަކަށް ގޮސް ހަޔެއް ހަޔަކުންނެވެ. އަދި ދެވަނަ ސެޓު ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއަކުންނެވެ.
މިކާމިޔާބީއާއެކު ސިނާ މިވަނީ ހާޑް ކޯޑްގައި 200ވަނަ ޓުއާ ލެވެލް ކާމިޔާބީ ހާސިލްކޮށްފައެވެ. މިމެޗު ފެށުމުގެ ކުރިން ކޯޓަށް އެރުމަށް ދެ ކުޅުންތެރިން މަޑުކޮށްގެން ތިބި ވަގުތު ޕޯކީމޮންގެ ފޭން އެއްކަމަށްވާ އެޓްމާންވަނީ ސިނާއަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ޓްރޭޑިން ކާޑެއް ހަދިޔާކޮށްފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސިނާބުނީ އަބަދުވެސް ކުޅުންތެރިޔަކާއެކު މުޅިން އަލަށް ވާދަކުރާއިރު އުނދަގޫތަކެއް ހުންނަ ކަމަށެވެ. އަދި އެކަން މިމެޗުގައި ވެސް ފެނިގެންދިޔަކަން އޭނާ ފާހަގަ ކުރިއެވެ. ސިނާ އިތުރަށް ބުނިގޮތުގައި އެޓްމާން މިހިސާބަށް އައިސްފައިވަނީ ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ބަލިކޮށްފައިކަމުން އޭނާ މިމެޗަށް ނިކުތީ އެކަން ހަނދާން ބަހައްޓާ އެކަމަށް ސަމާލުވެގެންނެވެ. އެޓްމާންވަނީ މިމުބާރާތުގެ ސެމީފައިނަލަށް ކުރި ދަތުރުގައި ފްލާވިއޯ ކޮބޯލީ، ޓެލާ ފްރިޓްޒް އަދި ހޮލްގާ ރޫންފަދަ ކުޅުންތެރިން ބަލިކޮށްފައެވެ.
މިމުބާރާތުގެ ފައިނަލްގައި ސިނާ ބައްދަލުކުރާނީ މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސެއިންގެ އަލްކަރާޒް އާއެވެ. އަލްކަރާޒް މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި މިމުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވްއާ ބައްދަލުކޮށް ސީދާ ދެސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ. މިއާއެކު ސިންސިނާޓީ އޯޕަންގެ ފިރިހެން ފައިނަލްގައި ސިނާ އާއި އަލްކަރާޒްގެ ކުރިމަތިލުމެއް ފެނުމުގެ ފުރުސަތު މިވަނީ ލިބިފައެވެ.
މި ދެ ކުޅުންތެރިންނަކީ ކުރިއަށް އޮތް ޔޫއެސް އޯޕަންގައި ވެސް ތައްޓަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވިފައިވާ ދެ ކުޅުންތެރިންނެވެ.