17 Aug 2025, 11:59
ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބުކޮށް، ކާމިޔާބީއަކާއެކު ލީގު ފަށައިފިއެވެ.
މަޔޯކާގެ ދަނޑުގައި ކުޅުނު މިމެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗުގައި އެޓީމުންވަނީ މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ ހަތްވަނަ މިނެޓްގައި ލެމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރަފީނިއާއެވެ. އަދި އެޓީމުންވަނީ މެޗުގެ 23ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފެރާން ޓޯރޭޒްއެވެ. ނަމަވެސް މިލަނޑު ޖެހިއިރު މަޔޯކާގެ ކެޕްޓަން އެންޓޯނިއޯ ރައިޔޯ ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓިފައިއޮތުމުން އެޓީމުންވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި މިކަމުގެ ތެރޭގައި ރީނދޫ ކާޑު ދެއްކި މަކޯޔާގެ މާނޫ މޮލާނޭސްއަށް ވަނީ މެޗުގެ 33ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.
އޭނާ ދަނޑުން ފޮނުވާލިތާ ހަ މިނެޓް ފަހުން ދެޑާތު މުރީގީ ބާސާގެ ކީޕަރަށް ކުރި ފައުލަކާއި ގުޅިގެން އޭނާ ވެސް ދަނޑުން ފޮނުވާލެވުނެވެ. މިހާދިސާގައި ރެފްރީ އެންމެ ފުރަތަމަ ރީނދޫ ކާޑެއް ދެއްކިނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެކާޑު ވަނީ ރަތަކަށް ބަދަލުކޮށްފައެވެ. މިއާއެކު މެޗުގެ ބޮޑުބައި މަޔޯކާއިން ކުޅެފައިވަނީ ދެ ކުޅުންތެރިން މަދުކޮށެވެ.
ނަމަވެސް މިއާއެކުވެސް ބާސާއަށް މަޔޯކާގެ ގޯލް ދެން ފޫއަޅުވާލެވޭ ވަރުވީ މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލެމީން ޔަމާލްއެވެ. މިމެޗުގައި ބާސާ އާއި އަލަށް މިސީޒަންގައި ގުޅުނު ކީޕާ ހޮއާން ގާސިއާ ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅުނު އިރު މާކަސް ރަޝްފަޑްވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.
މިދެކުޅުންތެރިން ބާސާއަށް ލަލީގާގައި ރަޖިސްޓްރީ ކުރެވޭވަރުވީ އިއްޔެ ހެނދުނެވެ. މިއާއެކު ރަޝްފަޑް ވެފައިވަނީ 1989ވަނަ އަހަރަށްފަހު ބާސާއަށް ވާދަވެރި މެޗެއް ކުޅުނު އިންގްލަންޑްގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަލަވޭސް އާއި ލެވެންޓޭ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ދެ ލަނޑު އެއް ލަނޑުން އަލަވޭސް ކާމިޔާބު ކުރިއިރު ވެލެންސިއާ އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ.