17 Aug 2025, 11:52
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އެ ސިޓީގެ އަލް އަހްލީ ހޮސްޕިޓަލަށް ބޮން އަޅައި ހަތް މީހަކު ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލުން މިހާރު އަންނަނީ މިދިޔަ ހަފުތާ އެ ގައުމުގެ ކެބިނެޓުން ފާސްކުރި ޣައްޒާ ފަތަހަ ކުރުމުގެ ޕްލޭން ތަންފީޒުކުރުމަށް ހަމަލާތައް ދެމުންނެވެ.
ފަލަސްތީނުގެ ސިއްޙީ ވުޒާރާއިން ބުނިގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން އިތުރު 11 މީހަކުވެސް ވަނީ މަރުވެފައެވެ. އެއާއެކު ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 251 އަށް އަރާފައެވެ. އޭގެތެރޭގައި 108 ކުޑަކުދިން ހިމެނެއެވެ.
އިސްރާއީލުން އަލް ޖަޒީރާގެ ނޫސްވެރިން ޝަހީދުކޮށްލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ކުރިއަށްދާއިރު، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށާއި ހަމާސްއިން ހިފަހައްޓާފައިވާ އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމެއް އަވަހަށް އެކުލަވާލުމަށް ގޮވާލައި އިސްރާއީލުގެ ވެރިރަށް ތެލް އަވީވްގައިވެސް ވަނީ އެތައް ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ.
އޭގެއިތުރުން ހަމާސްއިން ހިފަހައްޓާފައިތިބި އަސީރުންގެ އާއިލާތަކާއި ސަޕޯޓަރުން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ނަތަންޔާހޫއަށް ކުރާ ޕްރެޝަރު އިތުރުކޮށް، އެ މީހުންގެ ލޯބިވާ މީހުން އަނބުރާ ގެނައުމަށް ގޮވާލުމަށް މިއަދު ބޮޑު މުޒާހާރާއެއް ބޭއްވުމަށް އިސްރާއީލުގެ އާންމުންނަށް ގޮވާލާފައެވެ.
ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީ ހިފަން މަސައްކަތްކުރާއިރު، މިލިއަނަކަށްވުރެ ގިނަ މީހުން ދިރިއުޅޭ އެ ސިޓީން އާންމުން ގަދަކަމުން ނެރެން އިސްރާއީލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެ ސިޓީގެ ދެކުނަށް ގަދަކަމުން މީހުން ބަދަލު ކުރުމަށް ޣައްޒާގައިތިބި ފަލަސްތީނުގެ އާންމުންނަށް ޓެންޓާއި ހިޔާވަހިކަމަށް ބޭނުންވާ އެހެނިހެން ކަންކަން މިއަދުން ފެށިގެން ފޯރުކޮށްދޭނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
އިސްރާއީލުގެ ޕްލޭނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިއީ ނުރައްކާތެރި ކަމެއް ކަމަށް ބުނެ، މިހާރުވެސް ސުންނާފަތިވެފައިވާ ޣައްޒާއަށް ކުރިމަތިލާންޖެހޭ ނުރައްކާތެރިކަން އިތުރުވާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 61،827 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 155،275 މީހުން ޒަހަމްވެފައިވެއެވެ.