އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 100 މީޓަރުގެ އެއްވަނަ ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ސާއިދު ހޯދައިފިއެވެ.

ކުޅިވަރު އެކުވެނި އެއްް ނަންބަރު ދަނޑުގައި ކުރިއަށްދިޔަ މުބާރާތުގައި ސާއިދު މި ރޭސް ކާމިޔާބުކުރީ 10.92 ސިކުންތުންނެވެ.

މި ދުވުމުގެ ދެވަނަ ހޯދީ ރައުހަތު ސްޕޯޓްސްގެ އަހުނަފް ރައްޔާން ފަހުމީއެވެ. އޭނާ ރޭސް ނިންމީ 11.25 ސިކުންތުންނެވެ. މި ހީޓުގެ ތިންވަނައަށް ދިޔައީ 11.46 ސިކުންތުން ރޭސް ނިންމި ޓްރެކް އެންޑް ފީލްޑްގެ އަތޫފް މުހަންމަދު އާތިފްއެވެ.

އަންހެނުންގެ 100 މީޓަރު ދުވުން ކާމިޔާބުކުރީ ހދ. ކުޅުދުއްފުށި ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރެއެވެ. އަހުނާ ރޭސް ނިންމީ 12.45 ސިކުންތުންނެވެ. އަހުނާ ވަނީ މިފަހުން ހދ.އަތޮޅުގެ ސުކޫލުތަކުގެ މެދު ބޭއްވި އިންޓަރ ސްކޫލު އެތުލެޓިކްސް މީޓް އެންމެ މޮޅު އެތުލީޓް މަގާމް ހޯދާފައެވެ.

100 މީޓަރު ދުވުމުގެ ވަނަތައް ހޯދި އެތުލީޓުން--

މި ހީޓުން ދެވަނަ ހޯދީ 12.50 ސިކުންތުން ރޭސް ނިންމި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ޒިވާ މުސާ ޝަފީއުއެވެ. ތިންވަނަ ހޯދީ އެކުލަބުގެ އައިޝަތު ޝަބާ ސަލީމްއެވެ. އޭނާ ރޭސް ނިންމާފަވަނީ 12.59 ސިކުންތުންނެވެ.

މިއަހަރު ބޭއްވި މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އައިޝަތު ސައިމް އަޒީޒްއެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކީ ދިވެހި ސިފައިންގެ ކުލަބު ހަސަން ޝަންމޫންއެވެ.

މާލޭގައި ކުރިއަށްދިޔަ މި މުބާރާތުގައި ރޭންކިންގެ ކުރީގައި ހަރަކާތްތެރިވަމުން އަންނަ ގިނަ އަދަދެއްގެ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.