17 Aug 2025, 08:50
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި ތިރީސް ހަތަރުވަނަ ޤައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ހަސަން ޝައްމޫން އާއި އައިޝަތު ޝައިމް އަޒީޒް ހޯދައިފިއެވެ.
މުބާރާތުގައި ހަސަން ޝައްމޫން ވާދަކުރީ ދިވެހި ސިފައިންގެ ކްލަބުގެ ނަމުގައެވެ. އަދި އައިޝަތު ޝައިމް އަޒީޒް ވާދަކުރީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ ނަމުގައެވެ.
ޝައްމޫން ވަނީ އެންމެ ފަހުން ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަޤާމުވެސް ހޯދާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މާލޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ ޤައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެއްވަނަ އެތުލީޓަކަށް ހޮވުނު ޝައްމޫން ވަނީ ޑިސްކަސް އުކުމުންނާއި ޝޮޓް ޕުޓް އުކުމުން ވެސް ރަން މެޑަލް ހޯދައިފައެވެ. މި ދެ އިވެންޓްގެ ޤައުމީ ރެކޯޑް އޮންނަނީ ވެސް އޭނާ އަތުގައެވެ.
އެންމެ މޮޅު އަންހެން އެތުލީޓުގެ މަޤާމު ހޯދި ޝައިމް ވަނީ، ތިން އިވެންޓަކުން ރަން މެޑެލް ހާސިލްކޮށްފައެވެ. އެހެންކަމުން މި ފަހަރުގެ ޤައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ ކާމިޔާބު އެތުލީޓަކީ ވެސް އައްޑޫ އަށް އުފަން، ޝައިމް އެވެ.
މި އަހަރުގެ ޤައުމީ އެތުލެޓިކްސް މުބާރާތުގައި ޤައުމީ ރެކޯޑެއް ޤާއިމުކުރި ޝައިމް ވަނީ އަންހެނުންގެ ޖެވަލިން އުކުމުގެ އިތުރުން ހައި ޖަމްޕް އަދި ލޯންގް ޖަމްޕް އިވެންޓުން ރަން މެޑެލް ހޯދައިފައެވެ.
ޤައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން ޓީމުގެ އިތުރުން ފިރިހެން ޓީމަށް ހޮވުނީ ވެސް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ.