08 Aug 2012, 13:32
ލަކުޑިބުރިއަކުން ބޮލުގައި ޖަހައި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނ. މާޅެންދޫ، ވައިޓްހައުސް، އަހުމަދު މިރުޒާ މަރާލި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާ ކުރާ މީހެއްގެ މައްޗަށް މިއަދު ހެކިބަސް ދީފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރި އިރު އުމުރަކީ 17 އަހަރު ކަމަށާއި ނަމަވެސް މިހާރު އޭނާ އަށް 18 އަހަރު ފުރިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީންގެ ތެރެއިން މިއަދު ނަގާފައި ވަނީ އެންމެ މީހެއްގެ ހެކިބަސް ކަމަށެވެ. ނަމަވެސް ހެކިބަސް ލިބުނު ގޮތެއް ޖުވެނައިލް ކޯޓަކުން ނުބުނެ އެވެ.
"މިއަދު ވަނީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީންގެ ތެރެއިން އެކެއްގެ ހެކިބަސް ނަގާފައި. ދެން އެ މައްސަލަ އޮންނަ ދުވަހަކު އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ދެވަނަ މީހާގެ ހެކިބަސް ނެގުން،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މިމަހުގެ ފަހުކޮޅު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައިވާ ކަމަށާއި އެ ދުވަހު އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ދެ ވަނަ މީހާގެ ހެކިބަސް ނެގުން ކަމަށެވެ.
މިރުޒާގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ވަނީ ދައުވާކޮށްފަ އެވެ.
އެ މީހުންނަކީ ޏ. ފުވައްމުލައް، ޒާވިޔާ، އަބްދުﷲ ނަސީފާއި، ވ. ފަޒީލާ މަންޒިލް، މުހައްމަދު ޝިފާއު އަދި ގދ. ގައްދޫ، ބޮކަރުގޭ، އަލީ ރިފްޝަން އެވެ.
މިއަހަރުގެ މެއި މަހުގެ ތެރޭގައި އެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގި އިރު ހެކިބަސް ދީފައި ވަނީ ދައުވާއާ އިދިކޮޅަށެވެ.