ދިވެހި ޕްރޮޑިއުސަރު އަޒްހާން އިބްރާހީމްގެ އާ ފީޗާ ފިލްމު "ލިލީ" މި އަހަރުގެ ނޮވެންބަރު މަހު ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުގައި ގެނެސްދިން ލޯބީގެ ފިލްމު "މީ އިޝްގު"އަށް ފަހު މިހާރު އަޒްހާން މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ދެވަނަ ފީޗާ ފިލްމު ނެރުމަށެވެ. މި ފަހަރު ވެސް މި ތައްޔާރުވަނީ ފޭނުންގެ ހިތްތައް އަތުލާނެ ފިލްމެއް ނެރުމަށެވެ.

ލިލީގެ ޕްރޮމޯޝަންގެ މަސައްކަތްތައް ތަފާތު ގޮތްތަކަށް ކުރިއަށް ގެންދާއިރު މިހާރު މިއޮތީ ފިލްމު ރިލީޒްކުރާނެ ތާރީހެއް ވެސް އެނގިފައެވެ. ކްރިއޭޓިވް ނެޓްވޯކުން ނެރޭ، މި ފިލްމު ޕްރިމިއާ ކުުރުމަށް ތައްޔާރުވެފައިވަނީ ނޮވެންބަރު މަހުގެ 20 އަށެވެ.

އަޒްހާން ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގެ ޓީޒަރެއް ވަނީ ދާދިފަހުން އާންމުކޮށްފައެވެ. މި ޓީޒަރުން ފިލްމުގެ ލީޑް ކެރެކްޓަރު ހުންނާނެ ގޮތަށް އަލިއަޅުވާލައެވެ. އެގޮތުން ފިލްމުގެ ލީޑް ކެރެކްޓަރުން ފެނިގެންދާނީ އައިޝާ އަލީއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފިލްމުގައި ފެންނާނީ ޒުވާން އަންހެނެއްގެ ހަޔާތެވެ. އޭނާއަށް ދިމާވާ އެކި ދަތިތަކަށް ފަހު އިންސާފު ހޯދުމަށް މަސައްކަތް ކުރާތަން މި ފިލްމުން ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އައިޝާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ މަރިޔަމް ޝިމާގެ އިތުރުން މުހައްމަދު އިޝްފާނާއި އަހުމަދު ޝާރިފެވެ.

މި ފިލްމުގެ ގިނަ މަސައްކަތްތަކެއް މިހާރު އޮތީ ނިމިފައެވެ. މި އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ނިންމާލާފައިވާއިރު ޕޯސްޓް ޕްރޮޑަކްޝަން ވެސް ގާތްގަނޑަކަށް ނިމިއްޖެއެވެ. މިހާރު ކުރިއަށްދަނީ ތަފާތު އެކި ޕްރޮމޯޝަނަލް މަސައްކަތްތަކެވެ. އެގޮތުން، ދާދިފަހުން ހުދު ލިލީ މާ ބޭނުންކޮށްގެން ފިލްމަށް ހައިޕް އުފައްދައި ފިލްމާ ގުޅޭގޮތުން އެކި މީހުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށް ޚާއްސަ ކެމްޕެއިނެއް ގެންދިޔައެވެ. މިއީ ފިލްމުގެ ޓައިޓަލް ރިވީލްކުރަން ކުރި ކަމެކެވެ.