17 Aug 2025, 07:45
އަމިއްލަ ދިރިއުޅުމުގައި ކަންތައްތައް ދިމާވިގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ދިރިއުޅުމުގައި އެއީ ވަފާތެރި ތެދުވެރި މީހެއް ކަމަށް އިންޑިއާގެ މަޝްހޫރު މޮޑެލް މަލައިކާ އަރޯރާ ބުނެފިއެވެ.
މަލައިކާއާއި އަރުބާޒު ޚާންގެ ކައިވެނި ރޫޅާލުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި ކަމަށާއި އަމިއްލަ މީހާގެ އުފާވެރިކަން އިސްކުރީތީ ވަރަށް ގިނަ ބަޔަކު އޭނާ ސިފަކުރީ އަމިއްލަ އެދުމުން ފޯވެފައިވާ މީހެއްގެ ގޮތުގައި ކަމަށް މަލައިކާ ވަނީ ބުނެފައެވެ.
ޕިންކްވިލާއިން ގެނެސްދިން ޕޮޑްކާސްޓް ޝޯއެއްގައި ވާހަކަދައްކަމުން މަލައިކާ ބުނީ، އަރުބާޒާ އެކު ކުރެވުނު ދެ މީހުންގެ އަލަތު ކައިވެންޏަކީ މުޅި އުމުރަށް ދެމިގެންދާނެ ކައިވެންޏަކަށް ވުމަށް އޭނާ ވެސް އުންމީދުކުރި ކަމަށެވެ.
ނަމަވެސް، އެ ކައިވެންޏަށް ނިމުން ގެނެސް، ދެ މީހުން ވަކިވާން ނިންމީ އެކަކު އަނެކަކުގެ ފަރާތުން ލިބޭ އުފާވެރިކަމަށްވުރެ ލިބޭ މާޔޫސްކަން އިތުރުވުމުން ކަމަށް މަލައިކާ ވަނީ ބުނެފައެވެ. އުފާވެރިކަމެއް ނުލިބޭ ކައިވެންޏެއް މަތީގައި ދެމިތިބެން އެއްވެސް ބަޔަކަށް ނަސޭހަތްތެރި ނުވާނެ ކަމަށާއި އެ ކައިވެންޏަކަށް ކުއްޖަކު ލިބިފައިވާނަމަ އޭގެ އަސަރު ދަރިފުޅަށް ވެސް ކުރާނެ ކަމަށް މަލައިކާ ވަނީ ބުނެފައެވެ.

މަލައިކާގެ ކުރީގެ ފިރިމީހާ އަރުބާޒު މިހާރުގެ އަނބިމީހާ ޝޫރާ ޚާން އަދި ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިފުޅު އަރުހާން ޚާންއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މަލައިކާއާއި އަރުބާޒުގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު މިހާރު އެ ކުއްޖާގެ އުމުރަކީ 22 އަހަރެވެ. ކައިވެނި ރޫޅާލުމަށް ފަހު ދަރިފުޅުގެ ބޮޑުކުރުމުގެ ޒިންމާ ދެ މީހުން ވެސް އަދާކުރަމުން އައީ ވަކިވަކިން އެހެންނަމަވެސް ގުޅިގެން ކަމަށާއި ދަރިފުޅުގެ ކަންކަމުގައި އެކަކު އަނެކަކަށް ދޭންޖެހޭ އެއްބާރުލުން އަބަދު ވެސް ދޭ ކަމަށް މަލައިކާ ވަނީ ބުނެފައެވެ.
އަލަތު ކައިވެނި ރޫޅުނު ނަމަވެސް ލޯތްބާ މެދު ދެކޭގޮތް ބަދަލުނުވާ ކަމަށާއި ދިރިއުޅުމަށް ލޯބީގެ އުފާވެރިކަން އަންނާނެކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް އަދިވެސް އެބައޮތް ކަމަށް ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ މަލައިކާ ވަނީ ބުނެފައެވެ.
މި ޕޮޑްކާސްޓުގައި މަލައިކާ ބުނީ، ވޭތުވެދިޔަ އަހަރަކީ މަލައިކާއަށާއި އާއިލާއަށް ވަރަށް ހިތާމަވެރި އުނދަގޫ ދުވަސްތަކެއް ކުރިމަތިވި އަހަރެއް ކަމަށެވެ. މަލައިކާގެ ބައްޕަ ކުއްލިގޮތަކަށް މަރުވުމުގެ އިތުރުން މަލައިކާ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑް އެކްޓަރު އަރުޖުން ކަޕޫރާ ދެ މީހުންގެ ގުޅުން ނިމުމަކަށް އައީ ވެސް މިދިޔަ އަހަރެވެ.
ދެވަނަ ކައިވެންޏަކާ ގުޅޭގޮތުން މި ޕޮޑްކާސްޓުގައި ސުވާލުކުރުމުން މަލައިކާ ބުނީ، އޭނާއަކީ ވަރަށް ރޮމޭންޓިކް މީހެއް ކަމަށާއި ކައިވެނީގެ ގުޅުމާ އޭނާ ދެކޮޅު ނޫންކަމަށެވެ. ލޯތްބާ ގުޅުންހުރި ކޮންމެ ކަމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަން އެ މީހަކަށް ގެނެސްދޭނެ ކަމެއް ކަމުން ދެވަނަ ކައިވެންޏެއް ނުކުރާނަމޭ ނުބުނާނެ ކަމަށް މަލައިކާ ވަނީ ބުނެފައެވެ.
އަރުޖުން ކަޕޫރާ އެކު އޮތް ލޯބީގެ ގުޅުން ނިމުމަކަށް އައިތާ މަސްތަކެއް ފަހުން މަލައިކާއާއި ބޮލީވުޑްގެ އެކްޓަރު ޑީނޯ މޯރިއާގެ ލޯބީގެ ގުޅުމެއް އޮންނަކަމުގެ ވާހަކަތަކެއް ވެސް މީޑިއާގައި ވަނީ ދެކެވިފައެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން މަލައިކާ އަދި ޑީނޯ ވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.