17 Aug 2025, 07:38
މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި ބޮޑު ކުރިމަތިލުމަކަށް ދިޔަ ދެ ފިލްމު ކަމަށްވާ "ވޯ 2" އަދި "ކޫލީ"ގެ ތެރެއިން ބޮކްސް އޮފީހުގައި ކުރި ހޯދި ފިލްމަކީ ތަމަޅަ ބަހުން ގެނެސްދިން އެކްޝަން ތުރިލާ ފިލްމު "ކޫލީ" ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން ގެނެސްދިން ބޮލީވުޑް ފިލްމު "ވޯ 2"އަކީ ވަރަށް ބޮޑު ބަޖެޓަކުން ވަރަށް ފެންވަރުގައި އުފެއްދި ފިލްމެއް ކަމަށް އަޑު އަރާފައި އޮތް ނަމަވެސް އެކަން ފިލްމުން ދައްކުވައި ނުދެވުނު ކަމަށް ފިލްމަށް ލިބުނު ރިވިއުތަކުން ވެސް ވަނީ ހާމަކޮށްދީފައެވެ.
އެއާ ޚިލާފަށް ސައުތު ސިނަމާގެ އެންމެ ކުޅަދާނަ އެކްޓަރު ލެޖެންޑު ރަޖްނީކާންތުގެ ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީގެ އަގު 30 މިލިއަނަށް އަރާފައިވާއިރު ފިލްމު "ވޯ 2"އަށް މިހާތަނަށް ލިބިފައިވަނީ 20 މިލިއަނާ ކައިރިކުރާ ވަރުގެ އާމްދަނީއެކެވެ.

ފިލްމު "ކޫލީ"ގެ ލީޑް ތަރިން ފެންނަ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މިއީ މި ފިލްމު އުފެއްދި ބަޖެޓާ އަޅާ ބަލާއިރު ވަރަށް މަދު މިންވަރެއް ކަމުން ފިލްމު އުފައްދަން ދިޔަ ޚަރަދު ފޫބެއްދޭނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ފިލްމު "ވޯ 2"ގެ ފުރަތަމަ ފިލްމަށް ލިބުނު ކާމިޔާބީގެ މައްޗަށް ބަރޯސާވެ ތިބެ އެ ފްރެންޗައިސްގެ ދެވަނަ ބައި އިތުރަށް ޝައުގުވެރިކުރުވުމުގެ ގޮތުން ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރު ވެސް ފިލްމުގެ މުހިއްމު ރޯލަކުން ވަނީ ދައްކާލާފައެވެ.
ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެ ތެރޭ ހިމެނޭ ޖޫނިއަ އެންޓީއާރާއި ރަޖްނީކާންތުގެ ކުރިމަތިލުމެއް ބޮކްސް އޮފީހުގައި ކުރިއަށްދާއިރު ދެ ތަރިންނަކީ ވެސް އިންޑިއާގެ ވަރަށް ގިނަ ބައެއްގެ ތަރުހީބު އޮންނަ ދެ އެކްޓަރުންނެވެ.
މި ދެ ފިލްމު ސިނަމާތަކުގައި ރިލީޒްކުރި ތާރީޚު ކައިރިވަމުން އައިއިރު ސިނަމާ އޮކިއުޕެންސީއާ ގުޅިގެން ވެސް ތިއޭޓަރުތަކުގެ ވެރިންގެ މެދުގައި ބޮޑު ވާދަވެރިކަމެއް ކުރިއަށްދިޔައެވެ.
ޖޫނިއަ އެންޓީއާރްގެ ފިލްމު "ވޯ 2"ގެ އޮކިއުޕެންސީ ފުލްވާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި ނަމަވެސް ތެމިލް ނާޑޫ، ކެރެލާ އަދި ޗެންނާއީގެ ސިނަމާތަކުގެ 92 އިންސައްތަ އޮކިއުޕެންސީ ލިބުނީ ރަޖްނީކާންތުގެ ފިލްމު "ކޫލީ"އަށެވެ.