ޑައިރެކްޓަރު ހޯމީ އަދަޖާނިއާ 2012 ވަނަ އަހަރު ގެނެސްދިން ރޮމޭންޓިކް ކޮމެޑީ ފިލްމު "ކޮކްޓެއިލް"ގެ ދެވަނަ ބައި "ކޮކްޓެއިލް 2"ގެ ބަތަލާގެ ރޯލަށް ކްރިތީ ސެނޮން ސޮއިކޮށްފައިވާކަން އިއުލާނުކޮށްފިއެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ ކްރިތީ ސެނޮން "ކޮކްޓެއިލް 2"ގައި ފެންނާނީ އިޓަލީގެ ސިސިލީގެ ބާބުން ކަމަށާއި އޭގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ކުރިއަށް އެބަދާ ކަމަށް ޑައިރެކްޓަރު ހޯމީ އަދަޖާނިއާ ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

ހޯމީގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ކްރިތީގެ މޫނު ނިވާކޮށްފައިވީ ނަމަވެސް ބަތަލާގެ ނަން ވަނީ އެ ޕޯސްޓުގައި ޓެގްކޮށްފައެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން ކްރިތީ ވަނީ "ކޮކްޓެއިލް 2"ގައި އޭނާ ކުޅޭ ރޯލަށް ތައްޔާރުވުމުގެ މަސައްކަތްތައް ވެސް ފަށާފައެވެ.

ފިލްމު "ކޮކްޓެއިލް 2"ގެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރު، ރަޝްމިކާ މަންދަންނާ އަދި ކްރިތީ ސެނޮން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ ނެޝަނަލް އެވޯޑު ވެސް ހޯދާފައިވާ ބަތަލާއަކީ "ކޮކްޓެއިލް 2"ގެ ކާސްޓުން ފެންނާނެ އެންމެ ހުނަރުވެރި ތަރި ކަމަށާއި މި ފިލްމުން ވެސް ކްރިތީ ބެލުންތެރިންގެ ހިތް ފަތަހަކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމީ ވަނީ ބުނެފައެވެ. މަގުބޫލު ފިލްމުތަކެއް ގެނެސްދީފައިވާ ހޯމީ ވަނީ މީގެ ކުރިން ވެސް ކްރިތީއާ އެކު މަސައްކަތްކޮށްފައެވެ. އެއީ، 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ރާބްތާ"އެވެ.

ކްރިތީގެ އިތުރުން ފިލްމު "ކޮކްޓެއިލް 2"ގެ ކާސްޓުގައި ހިމެނޭކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ އެކްޓަރު ޝާހިދު ކަޕޫރު އަދި މިފަހުން ބޮލީވުޑްގެ ފިލްމުތަކުން ފެންނަ ސައުތު ބަތަލާ ރަޝްމިކާ މަންދަންނާއެވެ. ހޯމީގެ 2012 ވަނަ އަހަރުގެ ފިލްމުގައި ލީޑް ރޯލްތަކުން ފެނުނީ ސައިފް އަލީ ޚާން، ދީޕިކާ ޕަދުކޯން އަދި ޑަޔާނާ ޕެންޓީއެވެ.