17 Aug 2025, 07:32
ބޮލީވުޑްގެ ބަތަލާ ރަކުލް ޕްރީތު ސިންގް އިންޑިއާގެ ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ އުފައްދާ ފިލްމަކަށް ސޮއިކޮށްފައިވާކަން އިއުލާނުކޮށްފިއެވެ.
ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށް މިހާރު ފިލްމު ޑައިރެކްޝަނަށް ނުކުމެފައިވާ މަނީޝްގެ ފިލްމަށް ރަކުލް ސޮއިކުރިކަން އިއުލާނުކުރަމުން ބުނެފައިވަނީ ފިލްމުގެ ކޮސްޓިއުމްތައް ހޮވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މީގެ ކުރިން މަނީޝާ އެކު މަސައްކަތް ކޮށްފައިވަނީ އެކި ހަފުލާތަކަށާއި ފިލްމުތަކަށް ބޭނުންކުރާނެ ހެދުންތަކާއި އޭގެ ޑިޒައިންތައް ހޮވުމަށް ކަމަށް ވިޔަސް ލެޖެންޑަރީ ޑިޒައިނަރާ އެކު ފިލްމެއްގައި މަސައްކަތް ކުރުމަކީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް ރަކުލް ވަނީ ބުނެފައެވެ.

ބަތަލާ ރަކުލް ޕްރީތު ސިންގް އަދި ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން މަޝްހޫރު ގިނަ ބައެއްގެ ހެދުންތައް ޑިޒައިންކޮށް ހެދުން ފަރުމާކުރުމުގެ ހުނަރުން މަނީޝް ވަނީ ގިނަ ބައެއްގެ ހިތްތައް ފަތަހަކޮށްފައެވެ. އެހެންކަމުން ބޮޑު ސްކްރީން މެދުވެރިކޮށް ބެލުންތެރިންގެ ހިތްފަތަހަކޮށްލުމަކީ މަނީޝްއަށް މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށާއި މަނީޝާ އެކު މަސައްކަތްކުރެވޭތީ ވަރަށް އުފަލުން ހުރި ކަމަށް ރަކުލް ވަނީ ބުނެފައެވެ.
ނަމަވެސް، މަނީޝާ އެކު މަސައްކަތްކުރާ ފިލްމުގެ އިތުރު ތަފުސީލެއް ރަކުލް ނުދެއެވެ.
ދާދި ފަހުން ފިލްމު "މެރޭ ހަޒްބަންޑް ކީ ބިވީ"އިން ފެނުނު ބަތަލާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭ އެކްޓަރު އަޔުޝްމާން ކުރާނާއާ އެކު ކުޅޭ ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ 2" އަދި އަޖޭ ދޭވްގަންއާ އެކު އިއުލާނުކޮށްފައިވާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2" ހިމެނެއެވެ.
މީގެ އިތުރުން، ނިތޭޝް ތިވާރީ ގެނެސްދޭ "ރަމަޔާނާ"ގެ ވެސް ވަރަށް މުހިންމު ރޯލަކުން ރަކުލް ފެންނާނެއެވެ.