08 Aug 2012, 12:46
ޕާކިސްތާނުގެ ބޮޑުވަޒީރު ރާޖާ ޕަރުވޭޒް އަޝްރަފް މިމަހުގެ 27 ވަނަ ދުވަހު އެ ގައުމުގެ ސުޕްރީމްކޯޓަށް ހާޒިރުވާން އެކޯޓުން އަމުރުކޮށްފި އެވެ.
ބޮޑުވަޒީރު ހާޒިރުވުމަށް އަމުރުކުރީ ޕާކިސްތާނުގެ ރައީސް އާސިފު އަލީ ޒަރުދާރީގެ ޚިޔާނާތުގެ މައްސަލައެއް ބެލުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވަނީ ކީއްވެކަން އޮޅުން ފިލުވުމަށް ކަމަށް ކޯޓާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުންޏެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓްގެ މި އަމުރަކީ އެ ގައުމުގެ ބޮޑުވަޒީރާއި ރައީސް އަދި ސުޕްރީމް ކޯޓާ ދެމެދު ހިނގަމުން އަންނަ ކޯޅުންގަނޑެއްގެ ބައެކެވެ. ޒަރުދާރީގެ ކުރީގެ ޚިޔާނާތުގެ މައްސަލައެއް އަލުން ބަލައި ދިނުން އެދި ސްވިޒަލޭންޑް ސަރުކާރަށް ސިޓީއެއް ފޮނުވުމަށް ސުޕްރީމް ކޯޓުން ވަނީ ބޮޑުވަޒީރަށް އަންގާފަ އެވެ. ނަމަވެސް ޒަރުދާރީގެ އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ، ސިޓީ ފޮނުވުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީގެ މަގާމު ގެއްލިފައި ވަނީ ވެސް ޒަރުދާރީ ކޮރަޕްޝަން މައްސަލަތަކާ ހެދި ސްޕްރީމްކޯޓާ ސަރުކާރާ ދެމެދު އުފެދިފައިވާ ކޯޅުމުގެ ތެރޭގައެވެ. ގިލާނީވެސް ވަނީ ޒަރުދާރީގެ މައްސަލަ ބަލައި ދިނުމަށް އެދި ސްވިޒަލޭންޑް ސަރުކާރަށް ސިޓީ ފޮނުއްވުމާ ދެކޮޅު ހައްދަވާފައެވެ.
ނަސްލީ އަދި ދީނީ ހަމަނުޖެހުންތައް ބޮޑު ޕާކިސްތާނުގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ، ސަރުކާރެއް ގިނަ ދުވަހު ދެމި އޮތުމަށް ވަނީ ހުރަސްއެޅިފައެވެ.