17 Aug 2025, 07:28
މި ފަހަކަށް އައިސް ބޮލީވުޑްގެ އުފެއްދުންތަކަށާއި ފިލްމުތައް ސްޓްރީމްކުރަން ފެށުމާ ގުޅިގެން އިންޑަސްޓްރީގެ ގިނަ ބަޔަކަށް ފާޑުކިޔުނު މީހުންގެ އަނގަ ބަންދުކޮށްލި ފިލްމަކީ ދާދި ފަހުން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ސައްޔާރާ" ކަމަށް ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފިއެވެ.
ދަ ސްޓްރީމުންގް ޝޯއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ކަރަން ވަނީ ފިލްމު "ސައްޔާރާ"އަށް ލިބެމުން އަންނަ ކާމިޔާބީއާ މެދު ފަޚުރުވެރިވާ ކަމަށް ބުނެފައެވެ. އަހާން ޕާންޑޭ ބޮލީވުޑަށް ތައާރަފުކޮށް ބަތަލާ އަނީތު ޕައްޑާ ހުނަރުވެރި އެކްޓިންއެއް ދެއްކި މި ފިލްމާ އެކު ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންތަކަށް ޖަވާބު ލިބިއްޖެކަމަށް ގަބޫލުކުރެވޭ ކަމަށް ކަރަން ވަނީ ބުނެފައެވެ.
ގިނަ ފިލްމުތަކެއް ސްޓްރީމިން ޕްލެޓްފޯމްތަކުން ފަހަކަށް އައިސް ދައްކަން ފަށާފައިވާތީ އެއީ ސިނަމާތައް ހިންގާ މީހުންނަށް ކުރިމަތިވެދާނެ ބޮޑު ބިރެއް ކަމަށް ގިނަ ބަޔަކު ބުނެފައިވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކަރަން ފިލްމު "ސައްޔާރާ"ގެ ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާގެ އުފަންދުވަހާ ގުޅިގެން އާއްމުކުރި ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް
އެހެންކަމުން ގޭގައި ތިބެގެން ފިލްމު ބަލާލެވެން އޮއްވާ ސިނަމާތަކަށް ދިއުމަކީ އެއްވެސް ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ކަމަށް ކަރަން ވަނީ މި އިންޓަވިއުގައި ބުނެފައެވެ. އެހެންނަމަވެސް، ފިލްމު "ސައްޔާރާ"ގެ ޓީމުން އެ ވިސްނުން ބަދަލުކުރުވައިފި ކަމަށާއި ސިނަމާތަކަށް ފިލްމު ބަލަން ދާން ބޭނުންވާ އޯޑިއަންސް މިހާރު ވެސް އެބަތިބި ކަމަށް ކަރަން ވަނީ ބުނެފައެވެ.
އިންޑިއާގައި ރިލީޒްކުރާ ސައުތު ސިނަމާގެ ފިލްމުތައް ބޮލީވުޑް ފިލްމުތަކަށްވުރެ މާ އުފެއްދުންތެރި ކަމަށް ބުނާ ބަޔަކު ވެސް އުޅޭ ކަމަށް ކަރަން ވަނީ މި އިންޓަވިއުގައި ބުނެފައެވެ. އެކަމާ ކަރަން ދެބަސްނުވާ ކަމަށާއި ޓެކްނިކަލް ގޮތުން ވެސް ސައުތު ސިނަމާ އޮތީ ބޮލީވުޑަށްވުރެ ކުރީގައިކަން ގަބޫލުކުރާ ކަމަށް ކަރަން ވަނީ ބުނެފައެވެ.
އެހެންނަމަވެސް، ބޮލީވުޑްގައި އުފައްދާ ލޯބީގެ ފިލްމުތަކަށް އާއްމުންގެ ތަރުހީބު ނުލިބެނީ ސައުތު ސިނަމާގެ ހިޔަނި އެޅިގެން ކަމަށް ބުނުމަކީ ވެސް އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި އެފަދަ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކަށް "ސައްޔާރާ"އަކީ ދެވުނު ރަނގަޅު ރައްދެއް ކަމަށް ކަރަން ވަނީ ބުނެފައެވެ.
ފިލްމު އިންޑަސްޓްރީއަށް މުޅިން އަލަށް ތައާރަފުވި ތަރިންނާ އެކު ކުޑަ ބަޖެޓަކުން ގެނެސްދިން ފިލްމު "ސައްޔާރާ"އަކީ މިހާތަނަށް އިންޑިއާގެ ސިނަމާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ލޯބީގެ ފިލްމަށް ވަނީ ވެފައެވެ.
މި ފިލްމާ އެކު ބޮލީވުޑުގެ ފިލްމީ ތަރިންނަށާއި ފިލްމު އުފެއްދުންތެރިންނަށް ސިހުމެއް ގެނެސްދިންއިރު ފިލްމަށް ތައުރީފުކޮށް ވާހަކަނުދައްކާ މީހަކު އިންޑަސްޓްރީގައި މަދެވެ. އެ ލިސްޓުގެ އެންމެ ކުރީގައި ޔަޝް ރާޖް ދިދައިގެ ދަށުން ފިލްމު ޑައިރެކްޝަނަށް ނުކުމެ ކާމިޔާބު ފިލްމުތަކެއް ބޮޑު ސްކްރީނަށް ގެނެސްދިން ކަރަން ވެސް ހިމެނެއެވެ.