ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް މެލޭޝިޔާގެ ކުންފުންޏަކަށް ދީ, ހަ މަސް ތެރޭ އެއްބަސްވުން ބާތިލްކުރި މަޝްރޫއު، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ އިއްޔެ ހަވާލުކޮށްފިއެވެ.

އެންމެ ފުރަތަމަ މޭލޭޝިއާގެ ހެކްސްޓާ ކުންފުންޏާ މަޝްރޫއު ހަވާލުކޮށް ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހެވެ. އެއްބަސްވުން ބާތިލުކުރީ މިދިޔަ މަހުގެ ހަވަނަ ދުވަހެވެ.

އާންމުކޮށް އިއުލާނު ކުރުމެއް ވެސް ނެތި، މި މަޝްރޫއު އާރްސީސީއަށް ހަވާލުކޮށް ސޮއިކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.

މިނިސްޓްރީން ބުނީ، މި މަޝްރޫގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. މި މަޝްރޫގައި ހިމެނޭ 55 ކައުންސިލް އިމާރާތުގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މަސައްކަތް ނިމޭއިރު ކައުންސިލުތަކަށް ބޭނުންވާ ފަރުނީޗަރު ވެސް ހޯދާނެއެވެ.

ފުރަތަމަ ސޮއިކުރި އެއްބަސްވުން އުވާލިކަން ހާމަ ކުރައްވައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެއްބަސްވުން ބާތިލުކުރީ ކައުންސިލުތަކުން ގެންނަން ބޭނުންވި ބަދަލުތައް ގެންނަން ކުންފުނިން އެއްބަސްނުވުމުން ކަމަށެވެ. އަދި އަމަލީ މަސައްކަތް ނުފެށެނީސް އެއްބަސްވުން ނިމުމަކަށް ގެނައުމުން ބަދަލު ދޭން ނުޖެހޭ ކަމަށް ވެސް އާދަމް ޝަރީޕް ވިދާޅުވިއެވެ.

އަލުން މި މަސައްކަތް އާރުސީސީއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުއަށް ޚަރަދުވާނެކަމަށް ޖުމްލަ ބެލެވޭ މިންވަރެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް އިމާރާތްތައް ބާވެ، ވީރާނާވަމުން އަންނަކަމަށް ބުނެ، ރަށު ކައުންސިލުތަކުގެ ކަންބޮޑުވުން ސަރުކާރަށް އަންނަނީ ހުށަހަޅަމުންނެވެ.

އެހެންވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނުގެ ވެރިކަމުގައި 55 ކައުންސިލް އިމާރާތް އުމްރާނީ ގޮތުން ތަރައްގީ ކުރުމަށް ކަމަށް މީގެ ކުރިން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.