މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ޕެކެޓްތަކެއް ގެންގުޅުނު ޒުވާނަކު ހައްޔަރުކުރަން އުޅުމުން ފުލުހެއްގެ އަތުގައި ދަތް އަޅައި ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓުތަކެއް ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހައްޔަރު ކުރީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. އޭނާގެ ވަނަވަރެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ ރޭ 12:14 އެހާކަންހާއިރު ކަސްޓަމަސް ސަރަހައްދުން އެ ޒުވާނާ ހައްޔަރު ކުރުމުގެތެރޭ އޭނާ ގަދަ ދެއްކުމަށްފަހު ފުލުހެއްގެ އަތުގައި ދަތް އަޅައި ޒަހަމްކޮށް މަސްގަނޑު އިރާލާފައިވާ ކަމަށާއި އެވަގުތު އެތާނގައި ކުލަ ހެދުމުގައި ހުރި ފުލުހެއް ގައިގާ ތަޅައި މާރާމާރީ ހިންގައި އެ ފުލުސް މީހާގެ ގަމީސް ވެސް ވީދާލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް އޭނާ ގެ ހަށިގަނޑު ބަލައި ފާސް ކުރިއިރު އޭނާގެ އަތުގައި އޮތް ކަރުދާސް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 203 ރަބަރު ޕެކެޓް ފެނުނުނު ކަމަށެވެ.