08 Mar 2010, 12:45
14:30
ރާއްޖެއިން އައިއެލްއޯގައި ބައިވެރިވުމަށް ނިންމީ، ޢިއްޒަތާއި ޤަދަރުވެރިކަމާ އެކީގައި ޙައްޤު އުޖޫރައަކަށް މަސައްކަތްކުރާ މީހަކަށްވުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށް ވެސް ހޯއްދަވައިދެއްވުމަށްޓަކައި ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އައިއެލްއޯގެ އަސާސީ 8 މުޢާހަދާއާ ބެހޭގޮތުން ސަރުކާރާއި، ވަޒީފާދޭ ފަރާތްތަކާއި، މަސައްކަތްތެރިންގެ ޖަމްޢިއްޔާތައް ބައިވެރިވާ ސެމިނާރެއް އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި އޮތް އެ ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން އައި.އެލް.އޯ.ގައި ބައިވެރިވެފައިވަނީ އެއްވެސް ފަރާތަކުން ސަރުކާރަށް އެއްވެސްވަރެއްގެ ފިއްތުންތަކެއް ނުވަތަ މަޖުބޫރުކުރުވުމެއް އޮވެގެން ނޫން ކަމުގައި ވިދާޅުވި އެވެ. އަދި، އައި.އެލް.އޯގައި ރާއްޖެއިން ބައިވެރިވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލިބެންހުރި ބައެއް ފައިދާތައް މިހާރުވެސް ފެންނަން އެބަހުރިކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ މަސައްކަތުގެ ދާއިރާތައް ދުނިޔޭގެ ފެންވަރުގައި ރަނގަޅުކުރެވި، ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްގޮތަށް މިންގަނޑުތައް ކަނޑައެޅި، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނެސް މަސައްކަތް ކުރުމަށް ހިތްހަމަޖެހޭފަދަ ތަނަކަށް ރާއްޖެ ހެދޭނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ކޮންމެ ޤައުމެއްގައި ވެސް އެޤައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ، އެޤައުމުގެ ރައްޔިތުން ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅުދައްކަވަމުން، ކޮންމެ މީހަކަށްވެސް ލިބިފައިވާ ތަޢުލީމަކާއި ތަޖުރިބާއެއް އޭގެ އެންމެ ރަނގަޅުގޮތުގައި ލިބިދިނުމަށްޓަކައި ކަންކަން ފަހިކުރުމަކީ އެންމެންގެ ވާޖިބެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، މިއަދަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ކަމަށްވުމާއެކު މިއަދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ އަންހެނުންނަށް ފޮނުއްވި އެވެ.
މިއަދު މިފެށުނު ސެމިނާރަކީ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް ގުޅިވަޑައިގެން ބާއްވާ ތިން ދުވަހުގެ ސެމިނާރެކެވެ.