ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަކީ އިންތިހާބުގެ ބޭނުމަށްޓަކައި އެއްވެސް ކަމެއްގެ ހަގީގަތް ފޮރުވައިގެން ވާހަކަ ދައްކާ ޕާޓީއެއް ނޫން ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ރޭ އިމާދުއްދީން ސްކޫލުގައި އެ ޕާޓީގެ މެންބަރުނަށް ބޭއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ޑީއާރްޕީއަކީ ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތަކުގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައި ދޭނެ ބައެއް ކަމަށާއި އެހެން ސިޔާސީ ޕާޓީތަކާ ޚިލާފަށް، އެ ޕާޓީން ހަގީގަތް އޮޅުވާ ނުލާނެ ކަމަށެވެ. އަދި އެ ޕާޓީއަކީ ކަމުގެ ހަގީގަތް އޮތް ގޮތް ސާފުކޮށްދޭން މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކުރިއަށް މިއޮތް ތާނގައި ދިވެހި ރައްޔިތުންގެ އިތުބާރާ ޔަގީންކަން ލިބިގެންދާނީ، ކަންކަމުގެ ހަގީގަތް، ސާފު ތެދު ބަހުން ހާމަކޮށްދޭ ބަޔަކަށް. އެއީ އަޑުއަހަން އުނދަގޫ ކަމަކަށް ވިއަސް ރައްޔިތުންނަށް ހަގީގަތާ އެއްގޮތަށް އެކަންކަން ހާމަކޮށްދޭ ބަޔަކަށް. އިޚުލާޞްތެރިކަމާ އެކު މަސައްކަތް ކުރާ ބަޔަކަށް. ﷲގެ އިރާދަފުޅާ އެކު އަޅުގަނޑުމެންގެ ޕާޓީ އަބަދުވެސް ދެމި އޮންނާނީ، ތެދުބަހުން ވާހަކަ ދައްކާ ކަންކަމުގެ ހަގީގަތް، އެ އޮތްގޮތަށް ރައްޔިތުންނަށް އޮޅުން ފިލުވައިދީ ރައްޔިތުންނަށް އިޚުލާސްތެރިކަމާ އެކު ޚިދުމަތް ކޮށްދޭނެ ބައެއްގެ ގޮތުގައި،" ތަސްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް ހެޔޮ ގޮތުގައި ތަންފީޒުވެގެން ނުދިނުމުގެ އެންމެ މައިގަނޑު ސަބަބަކީ، އާ ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އިންތިޚާބު ކުރި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ފުރިހަމަ ކުރުމަށް އިޚުލާސްތެރިކަމާ އެކު މަސައްކަތް ކޮށްފައިނުވާތީ އާއި ޑިމޮކްރެޓިކް ނިޒާމުގެ ރިވެތި ހަމަތަކަށް އިހުތިރާމުނުކޮށް ހަމަޔާއި އުސޫލުން ބޭރުން ސަރުކާރުން ބޭނުންވާ މަގްސަދުތައް ހާސިލުކުރުމަށް މަސައްކަތް ކޮށްފައިވުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޑިމޮކްރެޓިކް ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ސިޔާސީ ފަރާތްތަކަކީ އިޚުލާސްތެރިކަމާއެކީގައި މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭނެ. މި ގޮތުން ކަންތައްތައް ހުރި ގޮތުގެ ހަގީގަތާ، ކުރެވޭނެ ކަންތައްތަކާ ނުކުރެވޭނެ ކަންތައްތައްކުގެ ހަގީގަތް އިޚުލާސްތެރިކަމާއެކީގައި ރައްޔިތުންނާ ހިއްސާ ކުރާ ބަޔަކަށް އަޅުގަނޑުމެން ވާން ޖެހޭނެ." ތަސްމީން ވިދާޅުވި އެވެ.