08 Aug 2012, 12:14
އެމްޑީޕީން މުޒާހަރާތައް ހުއްޓާލީ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީގެ) ގެ ރިޕޯޓް ނެރޭ ތާރީހުގައި ބޮޑު މުޒާހަރާއެއް ކުރަން ތައްޔާރުވާން ކަމަށް ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.
އައްބާސް ވިދާޅުވީ އެމްޑީޕީގެ ސީދާ ހަރަކާތްތައް ހުއްޓާލީ އޯލްޕާޓީ ޓޯކްސްގެ ވާހަކަތަކަށް ފުރުސަތު ދޭންކަމަށް ބުނިނަމަވެސް އެކަމުގައި ފޮރުވިފައިވާ ސިއްރުތަކެއްވާ ކަމަށާއި މުޒަހަރާތައް ހުއްޓާލީ އިންކްއަރީ ކޮމިޝަނުގެ ރިޕޯޓް ނެރޭ ދުވަހާ ގުޅުވައިގެން ކުރާ ބޮޑު މުޒަހަރާއަކަށް ތައްޔާރުވާން ކަމަށެވެ. މުޒާހަރާތައް ހުއްޓާލިކަމަށް ބުނާ ވާހަކަތަކުގައި އެމްޑީޕީގެ އިހުލާސްތެރިކަންހުރީ ކިހާވަރަކަން ސަރުކާރުން ބަލާނެ ކަމަށެވެ.
މުޒާހަރާ ހުއްޓާލި ކަމަށް އެމްޑީޕީން ބުނި ނަމަވެސް ސަރުކާރުގެ އިސްވެރިންނާއި ކޯލިޝަނުގައި ހިމެނޭ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންނަށް ފުރައްސާރަ ކުރުން އަދި ވެސް ކުރިއަށް ގެންދާ ކަމަށާއި މުޒާހަރާތައް ހުއްޓާލި ގޮތަށް ފުރައްސާރަ ކުރުންވެސް ހުއްޓާލައިގެން ނޫނީ އޯލް ޕާޓީ ޓޯކްސްގައި ރައީސް ވަހީދު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.
"އެބޭފުޅުން [އެމްޑީޕީން] ވިދާޅުވެއްޖެ މުޒާހަރާ ކުރުން ހުއްޓާލައިފީމޭ. އެހެންނަމަވެސް އަދި ފުރައްސާރަ ކުރުން ހުއްޓުނު ކަމެއް ނެނގޭ. އެހެން ވީމަ [ފުރައްސާރަ ކުރުން] ކުރިއަށް ދާހާ ހިނދަކު ރައީސުލް ޖުމުހުރިއްޔާ އޯލްޕާޓީ ޓޯކްސްގައި ބައިވެރިވެވަޑައި ނުގަންނަވާނެ. އެބޭފުޅުންގެ ފުރައްސާރަކުރުން ހުއްޓާލިކަން ޔަގީންވަންދެން އަޅުގަނޑުމެން ބަލަނާން،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން މުޒާހަރާކުރުން ހުއްޓާލީ އެޕާޓީގެ މެންބަރުން މަގުމައްޗަށް ނުކުންނަ އަދަދު މަދުވުމާއި ކޮމިޝަނުގެ ރިޕޯޓް ނެރޭ ދުވަހާއި ގުޅުވައިގެން ކުރަން ރާވާފައިވާ މުޒާހާރާއަށް ތައްޔާރުވެ ވަރުބަލި ފިލުވާލަން ކަމަށެވެ. މުޒާހަރާތައް ހުއްޓާލި ކަމަށް ބުނާ ބުނުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.
"މިހާރު ހަބަރުތައް ލިބެމުން އަންނަނީ އިންކްއަރީ ކޮމިޝަނުގެ ރިޕޯޓް ނެރޭ ދުވަހަށް އެމްޑީޕީން ވަރަށް ބޮޑު މުޒާހަރާއެއް ރާވަމުން ދާކަމަށް. އެހެންވީމަ މިހާރު މުޒަހާރާގެ ބައިވެރިންގެ އަދަދު މަދުކަމާއި އެބޭފުޅުންނަށް މުޒާހަރާތައް ކުރިއަށް ނުގެން ދެވުމާއި މާލެ ތެރޭގެ ގްރޫޕުތަކުން ވެސް މުޒާހަރާގައި ބައިވެރި ނުވާތީއާއެކު އެބޭފުޅުން މުޒާހަރާ ހުއްޓާލަން ރޭވީ. އިހުލާސްތެރިކަން ފެންނަނީ ކުރިއަށް އޮތް ތަނުގައި އެބޭފުޅުންގެ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތްތަކެއްގެ މަތިން،" އައްބާސް ވިދާޅުވި އެވެ.
އެމްޑީޕީން ރޭ އާއްމުކުރި ބަޔަނެއްގައި ބުނެފައިވަނީ ސީދާ ހަރަކާތް މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ހުއްޓާލަން އެޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ލަފާގެ މަތިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ނިންމަވައިފި ކަމަށާއި ސީދާ ހަރަކާތްތައް ހުއްޓާލަން ނިންމީ ރޯދަމަހުގެ ފަހު ދިހައަކީ އަޅުކަމުގެ ދުވަސްތަކެއް ކަމަށްވާތީ އަޅުކަމަށް ވަގުތު ދިނުމަށާއި، އެ 10 ދުވަހުގެ ތެރޭގައި އޯލްޕާޓީ ޓޯކްސް އަލުން ފެށުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ