16 Aug 2025, 09:45
އިންޑިއާގެ ކުރީގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމު ކަމަށްވާ "ޑިސްކޯ ޑާންސަ"ގެ ރައިޓްސް ގަނެ ފިލްމުގެ ސީކުއަލްއެއް އުފެއްދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ފިލްމުފެއާގައި ބުނެފައިވާ ގޮތުން "ޑިސްކޯ ޑާންސަ"ގެ ރައިޓްސް ގަނެފައި ވަނީ އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ބައްބަރު ސުބާޝްއެވެ.
ސުބާޝް މި ފިލްމުގެ ސީކުއަލް އުފައްދަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މި ފިލްމުގެ ހަގީގީ ރައިޓްސް އޮތީ މަޝްހޫރު ޝެމަރޫ އެންޓަޓެއިންމަންޓްއަށް ކަމަށް ބުނެ އެ ކުންފުނިން ވަނީ ސުބާޝްއަށް "ޑިސްކޯ ޑާންސަ"ގެ ސީކުއަލްއެއް ނުހެދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ދެ އަހަރު ދުވަސް ވަންދެން ކުރިއަށްދިޔަ މައްސަލަ މި މަހުގެ 12 ވަނަ ދުވަހު ބޮމްބޭ ހައި ކޯޓުން ނިންމީ ސުބާޝްގެ ކޮޅަށެވެ.

ފިލްމު "ޑިސްކޯ ޑާންސަ"ގެ ސީކުއަލްއަށް ގެންނަން ބޭނުންވާ ލީޑް ދެތަރިން. ޕްރޮޑިއުސަރު ސުބާޝްގެ އުއްމީދަކީ އައްލޫ އަރުޖުން ނުވަތަ ރަންބީރު ކަޕޫރު ފިލްމަށް ގެނައުން--ފޮޓޯ/ފިލްމުފެއަ
މިދިޔަ ހޯމަ ދުވަހު މިޑް-ޑޭއަށް ދިން އިންޓަވިއުއެއްގައި ސުބާޝް ބުނީ، 2011 ވަނަ އަހަރު ޝެމަރޫ އެންޓަޓެއިންމަންޓާ އެކު ފިލްމު "ޑިސްކޯ ޑާންސަ"ގެ ވީޑިއޯތަކާއި ސެޓެލައިޓް ރައިޓްސް ހޯދުމުގެ އެގްރީމެންޓެއްގައި އޭނާ ސޮއިކޮށްފައިވާނެ ކަމަށެވެ.
އެހެންކަމުން އެ ފިލްމުގެ ކޮޕީ ރައިޓްސް މައްސަލަ ކޯޓު މެދުވެރިކޮށް ނަމަވެސް އޭނާއަށް ލިބުމަކީ އެންމެ އިންސާފުވެރި ނިންމުން ކަމަށާއި އެއީ މާކުރިން ސުބާޝްއަށް ލިބިފައިވާ ހައްގެއް ކަމަށް މި އިންޓަވިއުގައި އޭނާ ވަނީ ބުނެފައެވެ.
ފިލްމު "ޑިސްކޯ ޑާންސަ"ގެ ސީކުއަލް ގެނެސްދޭން ވިސްނަނީ ވެސް 1982 ވަނަ އަހަރު ރިލީޒްކުރި އަސްލު ފިލްމުގެ ވާހަކައިގެ ޕްލޮޓާ ދާދި އެއްގޮތް ވާހަކައަކަށް ބިނާކޮށް ކަމަށާއި ބޮލީވުޑަށް ޑިސްކޯގެ ދުނިޔެ އަނބުރާ ގެނައުމަކީ އޭނާ ވަރަށް ބޮޑަށް ކުރަން ބޭނުންވާ ކަމެއް ކަމަށް ސުބާޝް ވަނީ ބުނެފައެވެ.
ފިލްމުގެ ލީޑް ރޯލަށް ގެންނަން ބޭނުންވާ އެކްޓަރުންގެ ދިގު ލިސްޓެއް ސުބާޝްގެ އަތުގައި އޮތް އިރު ފިލްމު "ޕުޝްޕާ"ގެ އެކްޓަރު އައްލޫ އަރުޖުން ނުވަތަ ބޮލީވުޑް އެކްޓަރު ރަންބީރު ކަޕޫރު ލީޑް ރޯލްއިން ފެންނަން އޭނާ ވަރަށް ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.
ފިލްމު "ޑިސްކޯ ޑާންސަ" އަކީ ބޮލީވުޑްގެ ފިލްމަކަށް އަލަށް ބޮކްސް އޮފީހުގައި 100 ކްރޯޑު ލިބި ތާރީޚުން ޖާގަ ހޯދި ވަރަށް ކާމިޔާބު ފިލްމެކެވެ. ފިލްމުގައި ގެނެސްދިން ވާހަކައާ އެއްވަރަށް ފިލްމުގެ މިއުޒިކަށް ވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.