އިންގްލިޝް ޕްރިމިއާ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ބޯންމޯތު ބަލިކޮށް ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. މިމެޗު ފެށުމުގެ ކުރިން ލިވަޕޫލުންވަނީ ކާރު އެކްސިޑެންޓެއްގައި މަރުވި ޑިއޮގޯ ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންޑްރޭ ސިލްވާއަށް އިހްތިރާމް އަދާކޮށް ހަނދާން އާކޮށްފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ލިވަޕޫލުންވަނީ މިސީޒަނަށް އެޓީމާ އަލަށް ގުޅުނު ހަތަރު ކުޅުންތެރިޔަކަށް ފުރަތަމަ އެގާރައިން ޖާގަދީފައެވެ.

ދެޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނުނު ފުރަތަމަ ހާފުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ލިވަޕޫލްއިންނެވެ. މިލަނޑު މެޗުގެ 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ލީގުގައި ލިވަޕޫލަށް ފުރަތަމަ މެޗު ކުޅެމުންދިޔަ ހޫގޯ އެކިޓީކޭއެވެ. މިހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށްވެސް ލިބުނެވެ.

ލިވަޕޫލުން އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ޖެހުމާއެކު މިމެޗުން ލިވަޕޫލް މޮޅުވާނެކަން ޔަގީންކުރިއެވެ. އަދި ދެވަނަ ހާފުގެ ފުރަތަމަ ދިހަ ވަރަކަށް މިނެޓްގައި ލިވަޕޫލްގެ ފަރާތުންވަނީ މޮޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ތަނަވަސްކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގެ ކުޅުން ކުރިއަށް ދިޔަވަރަކަށް ފެނުނީ ބޯންމޯތުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ލިބޭ ފުރުސަތުތަކުގައި ލިވަޕޫލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ.

މެޗުގެ 64 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި އެންޓޮއިން ސެމެންޔޯވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީ އެޓީމަށް ހިތްވަރު އާކޮށްދިނެވެ. މިލަނޑާއެކު ލިބުނު ހިތްވަރުން ބޯންމޯތުން ހަމަލާ އުފެއްދުން އިތުރުވިތަން ފެނުނެވެ. ބޯންމޯތުން ކާމިޔާބު ކުރި ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 76 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި އަނެއްކާވެސް ސެމެންޔޯއެވެ.

އެ ލަނޑާއެކު މިމެޗުން ބޯންމޯތަށް ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލް ކުރުމުގެ ފުރުސަތު އިތުރުވިއެވެ. ނަމަވެސް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ގެނައި ބަދަލުތަކާއެކު ލިވަޕޫލްއިން އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރު އެލުވާނުލައި ކުޅުމުގެ ނަތީޖާއަކަށްވީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިޔާ ފެޑެރީކޯ ކިއޭސާ ޖަހައިދިން ލަނޑުން އަނެއްކާވެސް ލީޑު ނެގުމެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި މުހަންމަދު ސަލާހްވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ޖަހައިދީ ބޯންމޯތަށް މެޗު އެއްވަރު ކުރުމަށް އޮތް ކުޑަ ފުރުސަތުވެސް ގެއްލުވާލައިފައެވެ.

މިކާމިޔާބީ އާއެކު ލިވަޕޫލުން ލީގު ތަށި ދިފާއު ކުރުމަށް ނުކުމެ ކުޅުނު ފުރަތަމަ މެޗު ކާމިޔަބު ކުރި ނަމަވެސް އެޓީމުގެ ފަރާތުން މިދިޔަ ސީޒަންގައި ފެނުނު މޮޅު ކުޅުން އެންމެ ރަނގަޅަކަށް ނުފެނުނެވެ. އަދި ޓީމާ އަލަށް ބައެއް ކުޅުންތެރިން ގުޅިފައިވުމުން ޓީމު އެއްކޮށް ހަމައަކަށް އެޅެން ވަގުތު ނަގާނެކަމަށް ބެލެވެއެވެ.

މިމެޗުން ބޯންމޯތު ބަލިވި ނަމަވެސް އެޓީމުން މިމެޗުގައި ދެއްކި ކުޅުމަކީ އެޓީމަށް ހިތްވަރު ލިބޭނެ އަދި އިދިކޮޅު ޓީމުތަކުން އެޓީމަށް ސަމާލުވާން ޖެހޭ ފަދަ ކުޅުމެކެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ބާކީ ހުރި މެޗުތައް މިއަދާއި މާދަމާ ކުޅޭނެއެވެ.