08 Aug 2012, 11:19
ރާއްޖޭގައި ކުރަމުންދާ ފާނައިގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށާއި، އެ މަސްވެރިކަން ބެލެހެއްޓުމަށް އެކުލަވައިލި ޕްލޭނަށް އަމަލުކުރަން ފަށަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމާފައިވަނީ އެ ޕްލޭނާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
އެ ޕްލޭންގެ އަމާޒަކީ، ރާއްޖޭގައި ކުރާ ފާނަ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމަކަށް ހެދުމާއި އެއިން މަސްވެރިންނަށާއި އެކްސްޕޯޓަރުންނަށާއި ރާއްޖެއަށް ލިބޭ އާމްދަނީ، މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުންދިޔުމަށް މަގުފަހިކުރުމެވެ.
ޕްލޭންގައި ފާނަ މަސްވެރިކަމުގައި ފާނަ ބޭނުން ހުއްދަކުރާނެ އަދި އެކްސްޕޯޓް ކުރުން ހުއްދަކުރާނެ އެންމެ ކުޑަ ސައިޒާއި ބަރުދަނާއި، ފާނަ ބޭނޭނެ ސަރަޙައްދުތައް ކަނޑައެޅިފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ޕްލޭންގެ ދަށުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ފާނައިގެ އާބާދީއަށް އަންނަ ބަދަލުތައް، ވަކި އުޞޫލެއްގެ ދަށުން މޮނިޓާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ވެސް ވަނީ ނިންމާފަ އެވެ.