08 Aug 2012, 11:14
ސަލްޓަންޕާކް ތެރޭގައި "އިންޕްރޮވައިޒްޑް" ޑިވައިސްއެއް ގޮއްވާލި މައްސަލައާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވާ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ 2007 ސެޕްޓެމްބަރ 29 ވަނަ ދުވަހު ސަލްޓަންޕާކުގައި ދިން އެ ޓެރަރިސްޓް ހަމަލައާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ލ. ގަން ތުނޑި ލަވްސައިޑް ޢަބްދުއްލަޠީފް އިބްރާޙީމް 29،އަހަރު ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު މެންދުރު ޕާކިސްތާނުން ރާއްޖެ އަށް އޭނާ އައި ވަގުތު ޖީއެމްއާރު އިބްރާޙީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ އިރު ފުލުހުން ވަނީ ސަލްޓަންޕާކަށް ދިން އެޓެރަރިސްޓް ހަމަލާއާ ގުޅިގެން 10 މީހަކަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައި އެވެ. އޭގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް މިހާތަނަށް ގެންގޮސްފައި ވަނީ ތިން މީހުނެވެ.