08 Aug 2012, 11:09
ރައްޔިތުންގެ މަޖިލިހުގެ މެންބަރުނަކީ ގާނޫނުތައް ހެދުމާއި ގާނޫނޫތައް އުވާލުމާއި ގާނޫނުތަކަށް އިސްލާހު ގެނެސް މުޅި ދައުލަތުގެ ހިންގުމުގެ ކަންކަން އިސްލާހުކޮށް ގައުމާއި ރައްޔިތުންނަށް ފައިދާކުރަނިވި މަސައްކަތްތަކެއް ކުރުމަށް ރައްޔިތުންގެ ފައިސާއިން ބޮޑު ހަރަދުތަކެއް ކުރާ ބައެކެވެ. ބޮޑު މުސާރައާއި ބޮޑު އެލެވެންސް ބަރާބަށް މެންބަރުންނަށް ލިބެމުން ދާއިރު ވާޖިބުތައް މަތިން ހަދާން ނައްތާލައި ގައުމާއި ރައްޔިތުންނަށް ބަލައިލުމެއް ނެތި އަމިއަލަ ސިޔާސީ ގޮތް ކުރިއަށް ނެރެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލިތާ ހަފުތާ ވެގެންދިޔައީ އެވެ. ފާއިތުވި ފަސް މަސް ދުވަހުގެ މަސައްކަތަށް ބެލިނަމަވެސް އެދެވޭ މަސައްކަތްތަކެއް ނުކޮށް އެއްބަޔަކު އަނެއްބަޔަކާ ދިމާކުރުމާއި މަޖިލިސް ތެރޭގައި ހަމަނުޖެހުން އުފެއްދުމާއި ކޯރަމް ނަގާލުމައި ނިޒާމީ ނުކުތާގެ އޮއިވަރެއްގައި މުޅި މަޖިލީހުގެ މުހިންމު ވަގުތަށް ވަނީ ބޭކާރު ކޮށްލާފަ އެވެ.
މަޖިލީހުގެ މި އަހަރުގެ ޖަލްސާތަކަށް ބަލާއިރު ގިނަ ޖަލްސާތައް ހޭދަވެފައިވަނީ، ރައްޔިތުންގެ މަޖިލީހެއްގެ ބަދަލުގައި ރައްޔިތުންގެ ކުރިމަތީގައި ސިޔާސީ ގޭމް ކުޅޭ ތަނެއްގެ ގޮތުގަ އެވެ. މި އަހަރުގެ މިހާތަނަށް ބޭއްވި ޖަލްސާތަކަށް ހުށަހަޅާފައިވާ ގަރާރުތަކާއި ކުއްލި މައްސަލަތަކުގައި އެތައް ގަޑިއިރެއް ހޭދަވެފައިވާ އިރު އެފަދަ ޖަލްސާތަކުގައި ވެސް ގިނަ މެމްބަރުން ބަހުސް ކުރައްވާފައިވަނީ ހުށަހެޅިފައިވާ ގަރާރަށް ނުވަތަ ކުއްލި މައްސަލަތަކުގެ ބަދަލުގައި އެއްބަޔަކު އަނެއް ބަޔަކާ ދިމާކުރުމާއި ފުރައްސާރަކުރުމުގަ އެވެ. ސަރުކާރު ހިންގުމަށް އިއްތިހާދު ވެގެން ތިއްބެވި ބޭފުޅުން ކުރީގެ ރައީސް ނަޝީދުގެ ވެރިކަމަށް ބަހުގެ ހަމަލާތައް ދެއްވުމުގަ އެވެ. އަދި ނަޝީދުގެ އެމްޑީޕީގެ މެމްބަރުން މިހާރު އޮތް ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގަބޫލު ނުކުރައްވައި ބަހުގެ ހަމަލާ ދިނުމުގަ އެވެ.
ހަތެއް ފެބުރުއަރީގެ ހާދިސާއަށް ފަހު މަޖިލީހުގެ މަސައްކަތް ވޭތުވެދިޔަ ފަސް މަހެއްހާ ދުވަހުގެތޭރޭގައި ނުކުރެވޭ ވާހަކަތަކަކީ ހުރިހާ މެންބަރުން ވެސް ދައްކަމުން އަންނަ ވާހަކަ އެކެވެ. އެއްވެސް ކަމަކާ ނުލައި މަޖިލީހުގެ ނިޒާމު ގެއްލުވައިލުމަށް ފަހު ޖަލްސާތައް ހުއްޓުވައިލުމުން ވެސް އެ މެންބަރަކާއި މެދު އެއްވެސް ފިޔަވަޅެއް އެޅޭތަނެއް އަދި މިހާތަނަށް ފެނިފައި ނުވުމަކީ މަޖިލީސް ބޭއްވުމަށް އެއް ބަޔަކު ބޭނުން ނުވުމުން މަޖިލީހުގެ ޖަލްސާތައް ހުއްޓާލުމަށް އޮންނަ އުޒުރަކަށް ވެގެން ނުވާނެ އެވެ. މަޖިލީހުގެ ޖަލްސާތައް ނުބެއްވި އެތައް ދުވަހެއް ވޭތުވުމަށް ފަހު އެތަކެއް ގެއްލުންތަކެއް މަޖިލީހުގެ އިދާރާއަށް ދިން މެންބަރުންނާއި މެދު ވެސް ފިޔަވަޅުތަށް ނޭޅި ދިޔަކަމީ މަޖިލިހުގެ އެއްވެސް މެންބަރަކު ނަމަވެސް ގާނޫނާއި ހިލާފު ކަމެއް ކޮށްފިނަމަ ކުށްވެރި ނުވުމުގެ މާނައެއް ނޫންކަން މަޖިލުހުގެ މެންބަރުންނަށް ވެސް އެގެން ޖެހެއެވެ.
މަޖިލިހުގެ ޖަލްސާތކުގައި ގަވާއިދަ ހިލާފުވާ މެންބަރުން ނަން އިއްވުމުން އެ މެންބަރަކު މަޖިލީހުން ނިކުމެ ވަޑައި ގެންނަވަން ޖެހޭކަމަށް މަޖިލިހުގެ ގަވައިދުގެ 54 ވަނަ މައްދާގައި ބުނެފައިވީ ނަމަވެސް އެމާއްދަގައި ބުނެފައިވާ ގޮތަށް ކަންކަން ނުކުރެވި އެންމެ ފަހުން މަޖިލިހުގެ ޖަލްސާތަށް ހުއްޓާލލަން ޖެހި މިއަދު ވަނީ މަޖިލީހުގައި މަރުތަޅުއެޅިފަ އެވެ. މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ބ) ގެ (ޅ) ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް ނަން އިއްވައިފިނަމަ އެ މެންބަރަކަށް އެ ޖަލްސާގެ ބާކީ އޮތް ބައެއްގައި ބައިވެރި ނުވެވޭނެ ކަމަށެވެ. އަދި އެމެންބަރަކު ވަގުތުން ޖަލްސާ ދޫކޮށް ދާންވާނެ ކަމަށެވެ. (ކ) ގައި ބުނެފައިވަނީ މަޖިލިސްގެ ރައީސް މެންބަރެއްގެ ނަން އިއްވުމުން ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ މަޖިލީހުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން އެ މެންބަރަކު މަޖިލީސް ކުރާ މާލަމުން ނެރުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެން ވެއެވެ.
އެފަދަ ގޮތަކަށް މަޖިލިހުގެ ޖަލްސާތައް ހުއްޓާލުމަށް ބައެއް މެންބަރުން މަސައްކަތް ކުރައްވާތީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތަށް ވަނީ އިސްލާހެއް ވެސް ހުށައަޅުއްވާފަ އެވެ. އެއިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ ޤަވާއިދުގެ 54 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް، މެންބަރެއްގެ ނަން އިއްވުމުން މި މާއްދާގެ (ޅ) އަދި (ކ) ގައިވާގޮތުގެ މަތިން ވެސް މަޖިލީހުގެ މެންބަރަކު ޖަލްސާ ދޫކޮށް ވަޑައިގަތުމަށް އިންކާރު ކުރައްވައިފި ކަމަށްވާނަމަ، ޖަލްސާ ދޫކޮށް ވަޑައިގަތުމަށް އިންކާރުކުރައްވާ ކޮންމެ ޖަލްސާއަކަށް އެ މެންބަރެއް 20000 އިން ޖޫރިމަނާވާ ކަމަށެވެ.
އިސްލާހު ހުށަހެޅުއްވި މެންބަރު އަހުމަދު މަހުލޫފު ވިދާޅުވި ގޮތުގައި އެފަދަ އިސްލާހެއް ހުށައެޅުމުގެ މުހިންމު ބޭނުމަކީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅުންހުރި ޤާނޫނުތައް ހަދާ އަދި އެތައް މުހިއްމު ނިންމުންތައް ނިންމާ ބާރެއް ކަމުން މަޖިލީހުގެ ޖަލްސާތައް މަދު މެންބަރުންތަކެއް ވެގެން ހުއްޓުވާލެވޭ ގޮތަށް އޮތުމަކީ އޭގެ ސަބަބުން ރައްޔިތުންނާއި މުޅި ގައުމަށް އޭގެ ނުރަނގަޅު އަސަރު ކުރާނެތީ މަޖިލިސް މެން ބަރުން ބޭނުންވެއްޖެ ނަމަ ހުއްޓާލަން ޖެހިލުންވާފާފަދަ ގޮތެއް ހެދުމެވެ.
"ކޮންމެ ބަޔަކުވެސް ހިތްހަމަނުޖެހޭ ކަމެއްވެއްޖެއްޔާ މަޖިލިހުގެ ޖަލްސާ ހުއްޓާލަނީ. މީގެކުރިން ވެސް ކަން ކޮށްފައި އޮތީ އެގޮތަށް މިހާރުވެސް ކަންކުރަނީ އެގޮތަށް. އެހެން ކަމުން ރައްޔިތުންނަށް ފައިދާ ހުރިކަމެއް ނުކުރެވޭ. މިގޮތަށް މި އިސްލާހު ފާސްވެއްޖެނަމަ މަޖިލިހުގެ ޖަލްސާތައް ބޭކާރުވެގެން ނުދާނެ،" މަހުލޫފު ވިދާޅުވި އެވެ.
އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާނޫނޫ އަސާސީ ބައްޓަން ވެފައިވާ ގޮތުން ދައުލަތުގެ އެންމެ މުހިންމު އެއްތަނަކީ މަޖިލިސްކަމަށް ވާއިރު މަޖުލިހުގެ ކަންކަން ކުރިއަށްދާގޮތާމެދު ވަރަށް ބޮޑަށް ހިތާމަ ކުރަން ޖެހެ އެވެ. މަޖިލިހުގެ މަސައްކަތްތައް ފުނިޖެހިފައިވާއިރު މަޖިލިސް ހުއްޓާލާފައި އޮތުމަކީ މުޅިދައުލަތަށް ލިބިގެން ދާ ގެއްލުމެކެވެ.
"މިއަދު އާއްމު ރައްޔިތުންވެސް މަޖިލިސް ދެކެނީ ވަރަށް ހުތުރު ތަނެއްގެ ގޮތުގައި. އެތަނުގައި ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޖިލީހުގެ މަސައްކަތް މެދުކެނޑިފައި އޮތުމަކީ ދެރަކަމެއް މަޖިލީހުގެ މަސައްކަތް އޮތީ ތޮއްޖެހިފައި ކޮމިޓީތަކުގެ އެތަށް ބިލްތަކެއް ނުނިންމި އެއްއަހަރު ދެ އަހަރުވެގެން ވަނީ ގޮސްފައި އަދި މީގެ އިތުރަށް މަޖިލިހުގެ ތަޅުމުގައި ބަހުސްކުރަން ޖެހޭ އެތަށް މައްސަލަތަކެއްވޭ ނުނިމި އެހެންވީމަ އެންމެ ދުވަހަކަށް އެންމެ ގަޑިއިރަކަށް މަޖިލިސް މެދުކެނޑިގެން ދާދިއުމަކީ މުޅި ދައުލަތަށް ލިބިގެންވާ ގެއްލުމެއް،" އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީގެ ބައެއް ސީނިއާ ބޭފުޅުން މަޖިލިސް ހުއްޓާ ނުލަން ގޮވާލެއްވި ނަމަވެސް މަޖިލީހަށް ވަޑައިގަތުމަށް ފަހު ދައްކާ ވާހަކައާއި އަމަލާ ދިމާނުވާކަން ފާހަގަކުރެވެ އެވެ. އޭގެ ބަދަލުގައި ފެންނަނީ މަޖިލިސް ހުއްޓުވާތަނެވެ. ފެންނަ ފެނުމަށް ބަލާއިރު މިހާރު މަޖިލިހަށް ދިމާވެފައިވަ މައްސަލަ ހައްލުވާނީ ވެސް އެމްޑީޕީން ގޮތް ދޫކޮށްގެން މަޝްވަރާކޮށްގެނެވެ.
" މިހާރުވެސް މަޖިލިސް ހުއްޓިފައިވަނީ އެމްޑީޕީ މެންބަރުން މަޖިލިސްގެ ނިޒާމު ގެއްލުވާލުމުގެ ސަބަބުން އެބޭފުޅުން [އެމްޑީޕީން] އެދައްކާ ވާހަކަތަކެއްގެ އިހުލާސް ތެރިކަމެއް ހުރިނަމަ މިހާރުން މިހާރަށް ވެސް މަޖިލިހުގެ ޖަލްސާތައް ބޭއްވިދާނެ. އެމްޑީޕީ ފިޔަވާ އެހެން ބައެއް ނޫން މަޖިލިސް ހުއްޓުވާލައި، ނަން އިއްވާ މެންބަރުން މަޖިލިހުގެ ތަޅުމުން ނުނެރެވިގެން މަޖިލިހުގެ ޖަލްސާތައް ހުއްޓާލަން ޖެހުނީ،" މެންބަކު ވިދާޅުވި އެވެ.
މަޖިލިހަށް ހުށައެޅޭ އެކި މައްސަލަތަކުގެ ސަބުން މަޖިލިސް ހަލަބޮލިވެ ނަން އިއްވާ މެންބަރުން ނުނިކުންނެވުމުގެ މައްސަލައަކީ މަޖިލިސް ހަމައަކަށް އެޅުމަށް .ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް މެންބަރުންވެސް ގަބޫލުކުރެއެވެ. މިހާރުވެސް މަޖިލިސް ބަންދުވެފައި ވަނީ އެފަދަ މައްސަލައަކާއި ގުޅިގެނެވެ. އޭގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް ކުރިމަތިލާ ހިސާބަށް ގޮސް އެކަށީގެންވާ މާހައުލެއް ވެސް ނެތިގެނެވެ. މަޖިލިހުގެ ޖަލްސާތަށް ކުރިއަށް ގެންގޮސް އުފެއްދުން ތެރިކަމުގެ މަސައްކަތްތަކެއް ކުރެވޭނީ މަޖިލިހުގެ މެންބަރުންގެ އިހުލާސްތެރިކަން ދައްކައިގެނެވެ.