08 Aug 2012, 10:46
ޤާހިރާ (އޮގަސްޓް 8): މިސްރުގެ ސައިނާގެ އުތުރުގައި ޙަރަކާތްތެރިވާ ޓެރަރިސްޓުންގެ ބަޔަކަށް ވައިގެ މަގުން ޙަމަލާތައްދީ އޭގެތެރެއިން 20 މީހަކު މަރާލެވިއްޖެކަން މިސްރުން ހާމަކޮށްފި އެވެ.
މިސްރުގެ އަމްނާބެހޭ މަސްއޫލުވެރިން ވިދާޅުވިގޮތުގައި ހަތިޔާރުއަޅައިގެންތިބި ހަނގުރާމަވެރިންގެ ބަޔަކަށް ޢަސްކަރީ ހެލިކޮޕްޓަރުން ރޭ ފަތިހު ދިން ވަރުގަދަ ޙަމަލާތަކެއްގައި އޭގެތެރެއިން 20 މީހަކު މަރުވެފައިވާ ކަމުގައެވެ. ހަތިޔާރުއެޅި މި ހަނގުރާމަވެރިންނަކީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ބައެއް ކަމަށް ނޫނީ އަލްޤާއިދާއަށް ނިސްބަތްވާ ބައެއްކަމަށް ޝައްކުކުރެވޭ ކަމަށްވެސް މިސްރުގެ މަސްއޫލުވެރިން ވިދާޅުވި އެވެ.
ޣައްޒާއާއި މިސްރުގެ ސަރަޙައްދީ ރޮނގު ގުޅުނު ހިސާބުގައި އަމްނު ބަލަހައްޓާ މިސްރުގެ ސިފައިންނަށް އަމާޒުކޮށް ހަތިޔާރުއެޅިބަޔަކު މިހަފްތާގެ ކުރީކޮޅު ޙަމަލާތަކެއްދީ މިސްރު ސިފައިންގެ 15 މީހަކު މަރާލާފައިވެ އެވެ. ސައިނާގެ އުތުރުގައިވާ އަލްޢަރީޝް ސަރަޙައްދުގައި ހަތިޔާރުއެޅި ބަޔަކު ދިން މިޙަމަލާތަކަށް ފަހު ސަރަޙައްދީ ރޮނގު ހުރަސްކޮށް އެމީހުން ފިލަންއުޅެނިކޮށް އިސްރާއީލު ސިފައިންވަނީ ބަޑިޖަހައި އޭގެތެރެއިން ދެމީހަކު މަރާލާފަ އެވެ.
މިޙަމަލާތަކަކީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދްގެ ރޭވުމެއްގެ ދަށުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާއި މިސްރުގެ އިސްލާމީ ޚިޔާލުގެ ރައީސް ޑރ. މުޙައްމަދު މަރްސީގެ ސަރުކާރާ ދެމެދު ފިތްނަ އުފެއްދުމަށް އިސްރާއީލުން ތަންފީޒުކުރާ ސިއްރު އެޖެންޑާއެއް ކަމަށް ރައީސް މުޙައްމަދު މަރްސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތުންވަނީ ތުހުމަތުކޮށްފަ އެވެ. ސައިނާގައި މިސްރު ޙަރަކާތްތެރިވާ ހަނގުރަމަވެރިންނާ ކުރިމަތިލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލުން މިސްރަށް ހުށަހެޅުމުން މިސްރުންވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
މިއީ 1973 ގައި މިސްރާއި އިސްރާއީލާދެމެދު ހިނގި އޮކްޓޯބަރުގެ ހަނގުރާމައަށް ފަހު މިސްރުގެ ވައިގެ ސިފައިންގެ ޢަސްކަރީ ހެލިކޮޕްޓަރެއް ސައިނާގެ އުތުރުގައި ޙަރަކާތްތެރިވި ފުރަތަމަ ފަހަރެވެ. ސައިނާގެ އުތުރުގައި މިސްރު ސިފައިންނަށް ޙަމަލާދިނުމުގައި ޙަރަކާތްތެރިވަނީ ޢިރާޤުފަދަ ބައެއް ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ޙަރަކާތްތެރިވާ "އިސްލާމީ ހަނގުރާމަވެރިން" ކަމަށް ހުޅަނގުގެ ބައެއް ރިޕޯޓްތައް ބުނެ އެވެ. އަދި މިއީ އަލްޤާޢިދާއަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމަށް ވެސް ބުނެވެ އެވެ. ނަމަވެސް މިސްރުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނަކީ ކޮނަބައެއްކަން މިސްރުން ސާފުކޮށްދީފައެއް ނުވެ އެވެ.
އަލްޤާއިދާގެ ހަނގުރާމަވެރިންކަމަށް ޝައްކުކުރެވޭ މިހަނގުރާމަވެރިން ޢިރާޤުގައި ބޮންގޮއްވުމާއި މީހުން މެރުމުގެ ޙަރަކާތްތައް ހިންގަމުންގެންދާތާ 10 އަހަރަށް ވުރެ ދިގުމުއްދަތެއް ހޭދަވެފައިވާއިރު އެމެރިކާގެ ޙަމަލާތަކުގައި މަރުވިވަރާ ގާތްކުރާމިންވަރަކަށް މިފަދަ ހަނގުރާމަވެރިންގެ ބޮންގޮއްވުމުގެ ޙަމަލާތަކުގައި ޢިރާޤުގެ ކުށެއްނެތް ރައްޔިތުން މަރުވެފައިވެ އެވެ.
މިސްރުން ލިބޭ ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމަވެރިންގެ ކިބައިން ސައިނާ ސާފުކުރުމަށް މިސްރު ސިފައިން ގެންދަނީ ވައިންނާއި އެއްގަމުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. (ނޫސްއެޖެންސީތައް)