އިންޑިއާގެ ބަތަލާ އަދި މިހާރު ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވަމުން އަންނަ ޖަޔާ ބައްޗަންއާ އެކު ސެލްފީއެއް ނަގަން އުޅުނު މީހަކު ކޮއްޕާލުމަށްފަހު އެމީހާއާ ދިމާލަށް ޖަޔާ ހަޅޭއްލަވާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެ އާއްމުންގެ ސަމާލުކަން އެ ވީޑިއޯއަށް ލިބެން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ކޮންސްޓިޓިއުޝަން ކްލަބްއަށް އިންޑިއާގެ މަޖިލިސް މެމްބަރުން އެއްވި އެއްވުމެއްގެ ތެރޭގައެވެ.

މިދިޔަ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ވައިރަލްވި އެ ވީޑިއޯއިން ފެންނަނީ ކޮންސްޓިޓިއުޝަން ކްލަބްގެ ބޭރުގައި ހަރަކާތްތެރިވަމުންދިޔަ ފިރިހެނަކު ކުއްލިއަކަށް ފޯނުން ސެލްފީއެއް ނަގަން ޖަޔާ ގާތަށް ޖެހިލި މަންޒަރެވެ.

ހަމަ އެވަގުތު ޖަޔާއަށް ސިހުން ލިބި އެމީހާއާ ދިމާލަށް ހަޅޭއްލަވައި، ތިޔަ ކުރަނީ ކީއްހެޔޭ ބުނެ އެ މީހާ ދުރަށް ކޮއްޕާލާ މަންޒަރު އެ ވީޑިއޯ ކްލިޕުން ވަރަށް ސާފުކޮށް ފެނެއެވެ.

ދާދިފަހުން ސިޔާސީ ދާއިރާއާ ގުޅުނު ބަތަލާ ކަންގަނާ ރަނާވަތު. ކަންގަނާ އަކީ މިފަހަކަށް އައިސް ފާޅުގައި ޖަޔާއަށް އެންމެ ބޮޑަށް ފާޑުކިޔަމުން އަންނަ މީހުންގެތެރޭ ހިމެނޭ ސިޔާސީ ލީޑަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް

އިންޑިއާގެ ސަމަޖްވާދީ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރު އަދި ކުރީގެ މަޝްހޫރު ބަތަލާ އަކީ އަބަދުވެސް ވަރަށް ރުންކުރުކަމާ އެކު މީޑިއާ ރިޕޯޓަރުންގެ އިތުރުން ބަތަލާގެ ފޭނުންނާ ވެސް މުއާމަލާތުކުރާ ކަމަށް ފާހަގަކުރެވޭ މީހެކެވެ.

ޖަޔާގެ ފަރާތުން ފެންނަ އެފަދަ އަމަލުތަކާ މިޒާޖުގައި ރުންކުރު ގޮތެއް ހުރެ ރުޅި އިސްކުރުމުގެ އާދާއާ ގުޅިގެން ވަރަށް ގިނަ ބަޔަކު ބަތަލާ ގާތު އެއްޗެއް އަހާލަންވެސް ގިނަ ފަހަރު ޖެހިލުންވެއެވެ. ހަމައެއާއެކު ޖަޔާއަށް އާންމުންގެ ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއެވެ.

ޖަޔާގެ ވައިރަލްވި މި ވީޑިއޯއާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައި ވަނީ މީގެކުރިން އެއީ އެމީހުންގެ ފެވަރިޓް އެކްޓްރެސްއަށްވީ ނަމަވެސް ޖަޔާގެ ފަރާތުން ފެންނަން ފެށި ބޭއަދަބީ ކަންކަމާ އާއްމުންނާ މުއާމަލާތު ކުރުމުގައި ގެންގުޅޭ ބަހުރުވައިގެ ސަބަބުން ވަރަށް ބޮޑަށް ޖަޔާ މަތިން ފޫހިވެއްޖެ ކަމަށެވެ.

ޖަޔާ ފަދަ ރުންކުރު މީހަކާ އެކު އިންޑިއާގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ އެކްޓަރު އަމީތާބް ބައްޗަން ދިރިއުޅެނީ ކިހިނެއްކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މީގެކުރިންވެސް ޖަޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ބަތަލާ ކަންގަނާ މި ހާދިސާއަށް ފާޑުކިޔަމުން ބުނެފައި ވަނީ ޖަޔާ ކަހަލަ ބޮޑާ، ކިބުރުވެރި މީހަކަށް ސަމަޖްވާދީ ޕާޓީގެ ތޮފި ހައްގު ނޫން ކަމަށެވެ.

މިހާތަނަށް ވެސް ޖަޔާގެ ފަރާތުން ފެންނަ ބޭއަދަބީ ކަންކަން މީހުން ތަހައްމަލުކުރަމުން ދަނީ އިންޑިއާގެ އެކްޓަރު އަދި ޖަޔާގެ ފިރިމީހާ އަމީތާބް ބައްޗަންއަށް އޮންނަ ލޯތްބާއި އިހުތިރާމްގެ ސަބަބުން ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

ޖަޔާ ފަދަ މީހަކު އިންޑިއާގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނުމަކީ ވެސް މުޅި ޕާލަމެންޓަށް ހުރި ލަދެއް ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

މި އަހަރުގެ އޭޕްރިލް މަހުތެރޭ ވެސް ޖަޔާ ވަނީ ކުރީގެ އެކްޓަރު މަނޯޖު ކުމާރުގެ ޖަނާޒާގައި, އުމުރުން ދުވަސްވީ އަންހެނަކު އޭނާއާ އެކު ފޮޓޯ ނަގަން އުޅުމުން އެކަމަށް ހުރަސް އަޅައި އެމީހާއާ ދިމާލަށް ހަޅޭއްލަވާފައެވެ.