14 Aug 2025, 09:31
ޔުއޭފާ ސުޕާ ކަޕްގެ ތަށި ޕެރިސް ސެއިންޓް ޖާމެއިން ކާމިިޔާބު ކޮށްފިއެވެ.
ޔޫރަޕްގެ އާ ސީޒަން ފެށުމުގެ ކުރިން ކުރީ ސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމާއި ޔުއޭފާ ޔޫރޮޕާ ލީގު ކާމިޔާބު ކުރި ޓީމުގެ މެދުގައި ކުޅޭ މިމެޗު ޕީއެސްޖީއިން ކާމިޔާބު ކުރީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓޮޓްނަމް ހޮޓްސްޕާއާ ބައްދަލުކޮށެވެ.
އިޓަލީވިލަތުގެ އުދީންގެ ބްލޫއެނާޖީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައިވަނީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ލަނޑު ދެ ލަނޑުން ދެޓީމުގެ އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ތިން ލަނޑުންނެވެ. މި މެޗަށް މި ދެ ޓީމު ނިކުންއިރު ދެޓީމަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވަނީ އައިސްފައެވެ.
ޕީއެސްޖީން އެންމެ ބޮޑަށް ފާހަގަވީ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާގެ ބަދަލުގައި އަލަށް އެ ޓީމާ ގުޅުނު ކީޕަރު ލޫކަސް ކެވެލިއާ ހިމަނާފައިވުމެވެ. އަދި ސްޕާސްއަށް ބަލައިލާއިރު އެ ޓީމަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން ކޯޗު އެންޖޭ ޕޮސްޓެކޮގްލޫ އާއި އެ ތަށި އުފުލާލި ކެޕްޓަން ސޮން ހެއުން މިން އެ ޓީމުގައި ނެތްކަން ވެސް ފާހަގަވިއެވެ.
ވަރަށް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ޕީއެސްޖީއިން ބޯޅަ ގެންގުޅުނު އިރު ކުޑަ ތަފާތަކުން ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެންނަމުން ދަނިކޮށް މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައި ސްޕާސްއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިކީ ވެން ޑެ ވޭންއެވެ.
މި ލަނޑުގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ފުރަތަމަ ހާފުގައި ތަނަވަސް ކުރެވުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ސްޕާސްގެ ކެޕްޓަން ކަމާ އާ ސީޒަންގައި އަލަށް ހަވާލުވި ކްރިސްޓިއަން ރޮމޭރޯ ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީ ޕީއެސްޖީ ހާސް ކަމުގެ ތެރެއަށް ވައްޓާލައިފައެވެ.
މިމެޗުގައި ސްޕާސް އޮތީ މެޗު ނިމެން ހަ މިނެޓަށް ވަންދެން ދެ ލަނޑުގެ ލީޑަކާއެކު ކުރީގައެވެ. ފީފާ ކްލަބް ވާލްޑް ކަޕްގެ ފައިނަލުން ބަލިވުމަށްފަހު މީގެ ހަފުތާއެއް ކުރިން އާ ސީޒަނަށް ޕްރެކްޓިސް ފެށި ޕީއެސްޖީގެ ފަރާތުން ފުރިހަމައަށް މިމެޗަށް ތައްޔާރުވެވިފައި ނުވިކަން ފާހަގަ ވި ނަމަވެސް އެޓީމުން ހިތްވަރު އެލުވާނުލާ މަސައްކަތް ކުރުމުގެ ނަތީޖާ އަކަށްވީ މެޗުގެ 84 ވަނަ މިނެޓުގައި ލީ ކާންގް އިން ކާމިޔާބު ކޮށްދިން ލަނޑުން ދެޓީމުގެ މެދުގައިވާ ފަރަގު ކުޑަވުމެވެ. އަދި ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ގޮންކާލޯ ރާމޯސްއެވެ. މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައިވެސް އެންމެ ފުރަތަމަ ލީޑު ނެގިތަން ފެނުނީ ސްޕާސްއިންނެވެ. މިގޮތުން ޑޮމިނިކް ސޮލަންކީ އެޓީމުގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކޮށްދިންއިރު ޕީއެސްޖީގެ ފުރަތަމަ ޕެނަލްޓީ ވިޓީނިއާ އަތުން ދިޔައީ ބޭރަށެވެ. ސްޕާސްއަށް މައްސަލަ ދިމާވީ ވެން ޑެ ވޭން ޖެހި ތިންވަނަ ޕެނަލްޓީ ކެވެލިއާސް މަތަކުރިއިރު ހަތަރުވަނަ ޕެނަލްޓީ މެތީސް ޓެލްއަތުން ބޭރަށް ދިއުމުންނެވެ. ނަތީޖާއަކަށްވީ ޕީއެސްޖީން އެ ޓީމުން ދެން ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް ކްލަބްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއޭފާ ސުޕާ ކަޕް ކާމިޔާބު ކުރުމެވެ.